
އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކުގައި އީރާނުގެ އަސްކަރީ އަލިފާނުގެ ބާރުގެ ބޭނުންކޮށްފައިވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
ތެހެރާނުގައި މީޑިއާތަކާ ވާހަކަދައްކަވަމުން އަރަގްޗީ އިންޒާރު ދެއްވީ، އިސްރާއީލުން އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާތަކަށް ނުވަތަ މުހިންމު ބިނާތަކަށް ދެން ދޭ ހަމަލާއެއްގައި އީރާނުން ގެންގުޅޭނީ ޒީރޯ ރިސްޓްރެއިންޓް ކަމަށެވެ. އަދި އީރާނުގެ ރައްދު މިއަށްވުރެ މާ ވަރުގަދަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އިންޒާރު އައިސްފައިވަނީ ސަރަހައްދީ މަސްރަހު ގޯސްވެ، އިސްރާއީލުން އީރާނަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަރަގްޗީ އިތުރަށް ވިދާޅުވީ އީރާނުން ހަނގުރާމައަކަށް ބޭނުން ނުވާ ކަމަށާއި، ނަމަވެސް ގައުމުގެ ސިޔާދަތީ މިނިވަންކަން ދިފާއުކުރުމުގައި ފަސްނުޖެހޭނެ ކަމަށެވެ.
އީރާނުން މިދިޔަ ހަފްތާގައި ވަނީ އިސްރާއީލަށް އަމާޒުކޮށް 200 އެއްހާ ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ. މިއީ އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކާއި އިސްވެރިން އަވަހާރަކޮށްލުމާ ގުޅިގެން ދިން ރައްދެއް ކަމަށް އީރާނުން ބުނެއެވެ.










