March 21, 2026
Advertisement
.
.

އިރާންގެ އަންހެން ކުދިންގެ ސްކޫލަށް ހަމަލާ ދިނީ އެމެރިކާގެ ޓޮމްހޯކް މިސައިލަކުން!

Yana Shareef
ޔާނާ ޝަރީފް
Mar 21, 2026, 05:35 AM

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މިނާބްގެ ޝަޖަރޭ-ޠައްޔިބާ ގާލްސް ޕްރައިމަރީ ސްކޫލުގެ ކްލާސްތަކުގައި ކުޑަކުދިން ކިޔަވަން ތިއްބާ، އެމެރިކާގެ އަސްކަރީ މަނަވަރަކުން ފޮނުވާލި "ޓޮމަހޯކް" ކްރޫޒް މިސައިލްތަކެއް އެ ސްކޫލަށް އަރުވާލައި ބޮޑު ގަތުލުއާންމެއް ހިންގައިފިއެވެ. ހެނދުނު 10:45 ހާއިރު ދިން މި ހަމަލާގައި 170 އެއްހާ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ އަންހެން ކުދިންނެވެ.

Advertisement

ފުރަތަމަ މިސައިލުން ކްލާސްރޫމްތަކުގެ ފުރާޅު ފޫއަޅުވާލައި އިމާރާތް ބިމާ ހަމަކޮށްލިއިރު، ދެވަނަ މިސައިލް އެރީ ސަލާމަތްވާން މަސައްކަތްކުރި ކުދިން ތިބި ސްކޫލް ގޯތިތެރެއަށެވެ.

ދުނިޔޭގެ އެންމެ ސީދާ އަމާޒަށް ހަމަލާދޭ ހަތިޔާރުގެ ގޮތުގައި ބެލެވޭ މިސައިލުން ދިން މި ހަމަލާއަކީ އޮޅުމަކުން ދީފައިވާ ހަމަލާއެއް ނޫންކަން، ހަމަލާ ދިން ވަގުތާއި އަމާޒުކޮށްފައިވާ ގޮތުން ހާމަވާކަމަށް ރިޕޯޓުތައް ބުނެއެވެ. ސެޓެލައިޓް ފޮޓޯތަކާއި ބޭނުންކޮށްފައިވާ ހަތިޔާރުގެ ބައިތަކުން ކަށަވަރުވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ކިޔަވާ ކުދިން ކްލާސްތަކުގައި ތިބި ވަގުތު ބަލައިގެންނެވެ. ހަމަލާގެ ދުމާއި ކުނިތަކުގެ ތެރެއިން ފެންނަން އޮތީ އަނދާފައިވާ ފޮތްތަކާއި ކުޑަކުދިންގެ ބޫޓުތަކެވެ. އަދި ދަރިންގެ ނަމުން ގޮވައި ރޮމުންދިޔަ މައިންގެ އަޑުން މުޅި ސަރަހައްދު އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ތަހުގީގީ ރިޕޯޓުތަކުން ހާމަވާގޮތުގައި، 5 މީޓަރުގެ ކުށެއްވެސް ނުޖެހޭ ފަދަ ސީދާ އަމާޒަށް ހަމަލާދޭ މި ހަތިޔާރުން ދިން ހަމަލާއަކީ އޮޅުމަކުން ދީފައިވާ ހަމަލާއެއް ނޫނެވެ.

މިއީ ހަނގުރާމައިގެ ފުރަތަމަ ދުވަހު ދިން ބިރުވެރި މެސެޖެކެވެ. އީރާނުގެ އެންމެ އެކަހެރި ސަރަހައްދުތަކަކީވެސް ސަލާމަތްތެރި ތަންތަން ނޫންކަން ދައްކައި، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، އެމީހުންގެ އަޒުމް ގުޑުވާލުމަކީ މި ހަމަލާގެ އަސްލު ބޭނުމެވެ. ސްކޫލަކަށް ތަކުރާރުކޮށް ހަމަލާދިނުމުން ދޭހަވަނީ މިއީ ގަސްތުގައި ދީފައިވާ ހަމަލާއެއް ކަމެވެ. މިނާބްގައި ހިނގި މި ހިތާމަވެރި ހާދިސާއަކީ އެކަހެރި ހާދިސާއެއް ނޫނެވެ. މުޅި ގައުމުގައި މިފަދަ ހަމަލާތައް ތަކުރާރުވަމުންދާއިރު، އާންމުން ދިރިއުޅޭ އަވަށްތަކާއި، ވިޔަފާރި މަރުކަޒުތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނަށްވެސް ދަނީ ހަމަލާދެމުންނެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ 'ރެޑް ކްރެސެންޓް' ފަދަ މުއައްސަސާތަކުގެ އިމާރާތްތަކަށްވެސް މި ހަމަލާތަކުން ސަލާމަތެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved