
އީރާނުގެ އަސްކަރީ ގާބިލުކަމާ މެދު މުޅި ދުނިޔެ ސިއްސުވާލި ވަރުގަދަ މެސެޖެއް އެގައުމުން ދީފިއެވެ. އީރާނުން މިހާތަނަށް ހާމަކުރަމުން އައީ އެގައުމުގެ މިސައިލްތަކުގެ ރޭންޖަކީ 2,000 ކިލޯމީޓަރު ކަމަށެވެ. ނަމަވެސް، ދާދި ފަހުން އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ޖޮއިންޓް އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކާއެކު، އީރާނުގެ އަސްކަރީ ބާރު މުޅިން އާ އުސްމިނަކަށް ގޮސްފައިވާކަން މިވަނީ ސާބިތުވެފައެވެ.
އިރާނުން ގާތްގަނޑަކަށް 4,000 ކިލޯމީޓަރު ދުރުގައި އޮތް ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލް ބޭހަށް ސީދާ އަރާފައި ނުވި ނަމަވެސް، މިއީ އެގައުމުން ދުނިޔެއަށް ދިން ވަރުގަދަ މެސެޖެކެވެ. މީގެ މާނައަކީ އީރާނުގެ މިސައިލްތަކުގެ ރޭންޖު އެއްރޭގެ ތެރޭގައި ދެގުނަވެ، ލަންޑަން، ޕެރިސް އަދި ބާލިން ފަދަ ނޭޓޯގެ ހުރިހާ ވެރިރަށްތަކަކީ މިހާރު އީރާނުގެ މިސައިލް ހަމަލާއެއް އަތުވެދާނެ ސަރަހައްދުތަކެއް ކަމެވެ.
އެމެރިކާއިން 1.7 ޓްރިލިއަން ޑޮލަރު ހޭދަކޮށްގެން އުފެއްދި، ރާޑަރުތަކަށް ނުފެންނަ "ސްޓެލްތް" އެފް-35 ޖެޓްތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އުޅަނދުތައް ކަމަށް ބެލެވުނެވެ. ނަމަވެސް، އީރާނުން ވަނީ އިންފްރާރެޑް ޓްރެކިން ބޭނުންކޮށްގެން، އިންޖީނުގެ ހޫނުމިން މެދުވެރިކޮށް މި ޖެޓްތައް ދެނެގަނެ ވައްޓާލެވޭނެކަން ސާބިތުކޮށްދީފައެވެ. މިއީ އެމެރިކާގެ ބޮޑު އިންވެސްޓްމަންޓަކަށް ލިބުނު ވަރުގަދަ ނާކާމިޔާބީއެކެވެ.
އީރާނުގެ ޚޯރަމްޝަހްރު-4 މިސައިލަކީ އެއްފަހަރާ ގިނަ ވޯހެޑްތަކެއް (Cluster warheads) އުފުލުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ. މީގެ އިތުރުން، އިސްރާއީލުގެ ސިޓީތައް ތިން ހަފްތާ ވަންދެން މެދުނުކެނޑި ފަނާކޮށްލެވޭ ފަދަ ވަރުގަދަ އަސްކަރީ ގާބިލުކަމެއް އީރާނުގެ ކިބައިގައި ހުރިކަން މިހާރު މިވަނީ ހާމަވެފައެވެ.
މި ހާދިސާއާ ގުޅިގެން ޔޫރަޕްގެ ޖާސޫސީ އިދާރާތަކުން މިހާރު ދަނީ ކުއްލި އެސެސްމަންޓްތައް ހަދަމުންނެވެ. އީރާނުން އެގައުމުގެ މިސައިލް ރޭންޖާ ބެހޭގޮތުން ދޮގު މައުލޫމާތު ދީފައިވާނަމަ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކީ މިހާރު ނުރައްކަލުގެ ތެރޭގައި އޮތް ތަނެކެވެ. މީގެ ކުރިން "މެދުއިރުމަތީގެ ހަނގުރާމައެއް" ކަމަށް ހީކޮށް ހަމަޖެހިލައިގެން ތިބި ނޭޓޯގެ ގައުމުތަކަށް މިވަނީ ހޭލަން މަޖުބޫރުވެފައެވެ.
މި ހުރިހާ ކަމަކުން ދޭހަވަނީ އީރާނަކީ މިހާރު ހަމައެކަނި ސަރަހައްދީ ބާރެއް ނޫން ކަމެވެ. އެގައުމަކީ އެމެރިކާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބަލިކޮށްލުމުގެ ގާބިލުކަން ހުރި، އަދި މުޅި ދުނިޔެއަށް ނުރައްކާ ކުރެވޭ ފަދަ އަސްކަރީ ބާރެކެވެ. ހަނގުރާމަ މިހާރު މެދުއިރުމަތިން ބޭރުވެ، އީރާނުގެ މިސައިލްތައް ފޯރާ ކޮންމެ ތަނަކަށް މިވަނީ ފެތުރިފައެވެ.










