
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އެއަރޮސްޕޭސް ފޯސްގެ ކޮމާންޑަރު މިއަދު އިއުލާނު ކުރެއްވި ގޮތުގައި، އިޒްރޭލުގެ ދިފާއީ ނިޒާމުތަކަށް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް އީރާނުގެ މިސައިލްތައް މިހާރު ދަނީ އިޒްރޭލުގެ އުޑުމަތީގައި ހަރަކާތްތެރިވަމުންނެވެ.
ކޮމާންޑަރު ފާހަގަކުރެއްވި ގޮތުގައި، މިރޭ އިޒްރޭލުގެ ދެކުނުގެ ސަރަހައްދުތަކުގެ އުޑުމަތި ގަޑިއިރުތަކަކަށް ދިއްލިފައި އޮންނާނީ އީރާނުން ފޮނުވާލާ "އަލިގަދަ" މިސައިލްތަކާއި ޑްރޯންތަކުންނެވެ. މިއީ އިޒްރޭލުގެ އެންމެ ޒަމާނީ ދިފާއީ ވަސީލަތްތަކަށް ވުރެ އީރާނުގެ ހަމަލާދިނުމުގެ ގާބިލުކަން މާ ބޮޑަށްވެސް ކުރިއަރާފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން، އިޒްރޭލުގެ ޑިމޯނާ ސިޓީއަށް މިސައިލް އަރައި، އެތައް ބަޔަކު ޒަޚަމްވެ، ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ. މި ހާދިސާއާއެކު، އިޒްރޭލުގެ އުޑުމަތީގައި "ވަގުތުން ވަގުތަށް" ބޭނުން ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ފުރިހަމަ ބާރު އީރާނަށް ލިބިފައިވާކަން މިހާރު ވަނީ ސާބިތުވެފައެވެ.
މީގެ އިތުރުން ޖެނެރަލް މޫސަވީ ވިދާޅުވީ، އީރާނުން މިރޭ ބޭނުންކުރާ "އައު ޓެކްޓިކްސް" ތަކުގެ ސަބަބުން އެމެރިކާއާއި އިޒްރޭލުގެ ލީޑަރުން ސިއްސުވާލާނެ ކަމަށެވެ. މިއީ މުޅި މެދުއިރުމަތީގެ އަސްކަރީ ބާރުގެ ތިލަފަތް އީރާނުގެ ކޮޅަށް ބުރަވެފައިވާކަން ދުނިޔެއަށް ދެއްކުމަށް ކުރިއަށްގެންދާ ވަރުގަދަ ހަރަކާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.










