ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލިސް އިންތިޚާބާ ދިމާކޮށް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކަކީ ތަހުގީގު ކުރެވެންޖެހޭނެ ދަތުރުފުޅުތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ފްރޮންޓް އޮފީސް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ނ.ކެނދިކުޅުދޫ ކައުންސިލުން ރައީސް މުއިއްޒުގެ ދަތުރުފުޅުތަކަކީ ސިޔާސީ ބޭނުމެއްގައި ކުރެއްވި ދަތުރުފުޅުތަކެއް ކަމަށްބުނެ ބަޔާން ނެރުމުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖޭ) އިން އެކަން ކުށްވެރިކޮށް އެ ކައުންސިލަށް ބަޔާން ބާތިލް ކުރުމަށް މަޖުބޫރު ކުރުމުން އެއީ ރަނގަޅު ގޮތެއް ނޫންކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވެފައިވާކަމަށެވެ.
އެހެންކަމުން ބަންޑާރަ ނައިބު އެ ދެއްވީ ލަފާއެއް ކަމަށާއި ރައީސް މުއިއްޒު އެ ލަފާޔާ އެއްގޮތައް އަމަލު ކުރުމަކީ ލާޒިމްކަމެއް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ބަންޑާރަ ނައިބު އެގޮތައް ވިދާޅުވުމުން ދޭހަވަނީ ރައީސް މުއިއްޒުގެ ދަތުރުފުޅުތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށާއި އެހެންކަމުން އެ ދަތުރުފުޅުތައް ތަހްގީގް ކުރެވެން ވާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ބަންޑާރަ ނައިބު އެޔޮތީ ލަފަޔެއް ދީފާ. އެއީ ލޯކަލް ގަވަމެންޓް އޮތޯރިޓީން އެ ކުރީ ގޯހެއްކަމަށް. އެހެންވީމާ އޭނާ ތާއީދު އެ ލެންޑް ކުރަނީ ކެނދިކުޅުދޫ ކައުންސިލުން ބުނި ވާހަކައަކަށް.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބާ ދިމާކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދަައުލަތުގެ ލޯންޗްކޮޅުގައި އިންނަ ނިޝާންގައި ޕެޗް އަޅައިގެން ދަތުރު ކުރެއްވުމުން އެ ވާހަކަ އެންމެ އަޑުހަރުކޮށް ދެއްކެވި ފަރާތްތައް މިއަދު ސަރުކާރުގައި އެބަތިބިކަމަަށެވެ.
ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކުގައި ކެމްޕެއިން ކުރައްވާތީ ނުރުހުން ފާޅުކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި މައްސަލާގައި އެ އޮތޯރިޓީގެ ވެރީން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ހާޒިރު ކުރަން މިހާރު ވަނީ ނިންމާފައެވެ.
އެލްޖީއޭގެ މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ހުށައެޅީ އެ ރަށް ހިމެނޭ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައެވެ. އޭނާގެ އެ ހުށައެޅުމާ ގުޅިގެން އެލްޖީއޭ ގެ ވެރީން ކޮމެޓީއަށް ހާޒިރު ވަނީ ފާސްކޮށްފައެވެ.