
ރައީސް މުހައްމަދު މުއިއްޒު މަސައްކަތްކުރައްވަނީ ދެ އިންތިހާބު އެކީގައި ވަގަށް ނަގަން ކަމަށް ޕީއެންއެފްެގ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ތާއީދުކުރާ މަދު ފަރާތްތަކަކީ ސަރުކާރުގެ ތެރެއިން ނާޖާއިޒު ފައިދާ ހޯދުމުގެ ދަހިވެތިކަމުގައި އުޅޭ ފަރާތްތައް ކަމަށް ވިދާޅުވެ މަލީހު ވަނީ އަދި އެއީ ސަރުކާރުން ބަދަލު ހޯދުމަށް މަސައްކަތްކުރާ މީހުން ކަމަށްވެސް ތުހުމަތު ކުރެއްވާފައެވެ.
މީގެ އިތުރުން ލީހް ވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި ގައުމުގެ ހާލަތު ރަނގަޅު ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޑޮލަރުގެ ރޭޓް ތިރިނުކުރެވުމާއި، ގައުމުގެ އަރަނި އިތުރު ނުކުރެވުމާއި، ކޮރަޕްޝަން މަދުނުކުރެވޭ ކަމުގެ އިތުރުން ސަރުކާރުގެ ހިންގުން ހަރުދަނާ ނުކުރެވޭ ކަމަށް އޭނާ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ރައީސް މުއިއްޒު އުޅުއްވަނީ ދެ އިންތިހާބު އެއްކުރާކަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ދެ އިންތިހާބު އެކީގައި "ވަގަށް ނަންގަވަން" ކަމަށް ވިދާޅުވެ މަލީހު ވަނީ މިކަމަށް ފުރުސަތު ނުދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.










