ޕާކުކުރުމަށް ހައްލު ހޯދައިދީފައި ނޫނީ ވެހިކަލްތައް ޖޫރިމަނާ ނުކުރާނެ ކަމަށް މި ސަރުކާރުން އިންތިހާބުގެ ތެރެޣައި ބުނ ހަނދާން ހުރީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުން ތޯއެވެ؟ އަޅުގަނޑު ގައިމުވެސް ވަރަށް ރަގަޅަށް ހަނދާން އެބަހުއްޓެވެ.
ޓްރެފިކު ވަޔޮލޭޝަންސް ތަކާ ޕެނަލްޓީސްތައް ވެރިކަމަށް އައިސް މައާފުކޮށްދޭނެ ކަމަށާ ޕާކިންއަށް ހައްލެއް ހޯދައިނުދީ ޖޫރިމަނާ ނުކުރާނެ ކަމީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ނަމަވެސް މިވައުދަށް ވީ ގޮތް އެނގިވަޑައިގަންނަވަނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށް ތޯއެވެ؟ އަޅުގަޑު މިދެނީ ތަފްސީލެވެ.
ޕާކު ކުރާނެ ޖާގައިގެ ދަތިކަން ބޮޑު މާލޭގެ އެންމެ ބާރުބޮޑު ސަރަހަށްދުތަކުގައި ވިޔަފާރިތަކާއި ގުދަން ހިންގާ ފަރާތްތަކުން ޕާކިންގް ޒޯނުގެ ބޮޑު ބައެއްގައި ޕާކު ނުކުރެވޭނެ ގޮތަށް އެއްޗެހި ބެހެއްޓުމަކީ އާންމުންގެ ބޮޑު ޝަކުވާއެކެވެ. މި ޝަކުވާއަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް އޭރު މާލޭގެ މޭޔަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނަމަވެސް ވެރިކަމަށް އައިސް ހަތަރު މަސް ނުފުރެނިސް އިވިގެން ދިޔަ އަޑަކީ އާންމުންނަށް އުނދަގޫ ބޮޑުވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯވ ކޮށް ޖޫރިމަނާ ކުރާނެ ކަމަށް ހޯމްލޭންޑުން އެންގިވާހަކައެވެ.
އެގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނީ މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުންނާއި މަގުމަތީގައި އުޅަނދު ދުއްވާ މީހުން ހާއްސަކޮށް ބަހާއި އިމަރޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް އުޅަނދު ޕާކްކުރަމުންދާ ކަމަށެވެ.
ހަމަ އެހެންމެ ޕާކް ކުރުމަށް މާލެ އާއި ހުޅުމާލެ 1 އަދި 2 ގައި ކަނޑައަޅާފައިވާ ޒޯން ނޫން އެހެން ތަނެއްގައި ޕާކު ނުކުރުމަށް އަންގައި، އެ އެންގުންތަކާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކަންމިހެން ހުރިއިރު މި ސަރުކާރުގެ ގިނަ ވައުދުތަކަކީ ހަގީގަތުގައި ވެސް ކަދުރު ރުކަސް އެރި މިހާގެ ނަދުރަށް ވެއްޖެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
މާލެއަކީ ބައިބޯ ތަނަކަށްވާއިރު މާލޭގައި ޕާކިން މައްސަލަ މިފަހަކުން އެންމެ ބޮޑުވެގެން ދިޔައީ ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސަރަހަށްދުގެ ޕާކިންގް ޒޯންތަކުން ބޮޑު ބައެއް އަމިއްލަ ފަރުދުންނަށް މަހު އަދި އަހަރީ ކުއްޔަށް ދޫކުރުމުންނެވެ. މިއީ ދެބަސްވެވެން ނެތް، ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވާހެން ފެކްޓެވެ. ޕާކިންގެ މައްސަލަ އިތުރަށް ގޯސްވުމަށް ދިމާވި މައިގަނޑު އެއް ސަބަބަކީ މިއީއެވެ.
މާލޭގެ ޕާކިންގް ޒޯނުތަކުން ބޮޑު ބައެއް ހަތަރު ފުރޯޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކޮށްފައިވާއިރު ސައިކަލް އެއީ މާލޭގައި އެންމެ ގިނަ ވެހިކަލް ނަމަވެސް އެ ސައިކަލު ދުއްވާ މީހުންގެ ޝަކުވާއަށް ނިމުމެއް ނެތެވެ.
ޕާކުކުރާ މީހާއަށް ފިޔަވަޅު އަޅަން ނިންމާ ބޮޑެތި އިއުލާންތައް ކޮށް، ޕާކުކުރުމަށް ހުންނަ ސަރަހަށްދުުން ބޭރުގައި ޕާކުކުރާ ފަރާތްތަކުގެ އުޅަނދުތަކުގައި ސްޓިކާ ޖެހުމުގެ އިތުރަށް ޓޯ ކުރާއިރު, ޕާކިންގް ޒޯނުތަކުގައި އެއްޗެހި ބަހައްޓާ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅުމަކީ އިންސާފު ކަމަށް ބަލައިގެން ހަމަ ތިބެން ވީ ހެއްޔެވެ؟
މާލޭ ސަރަހަށްދުގެ ޕާކިން ޒޯނުތަކުގައި އަމިއްލަ ފަރާތްތަކުން ޕެލެޓާއި ދަގަނޑު ފްރޭމް ބެހެއްޓުމަކީ މާލޭގެ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
އެ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނި ކަމުގައިވި ނަމަވެސް އެކަން ކުރެވެމުނެއް ނުގެންދެންއެވެ.
ކަންކަން މިހެން ހުރިއިރު ދައުލަތުން ވަކި ބަޔަކަށް ތަކްލީފު ޖައްސާ ފިޔަވަޅު އެޅުމަކީ ހަމަ އިންސާފުބާއެވެ؟
ޕާކިން ބިލްޑިންތައް ނުނިމެނީސް ޓްރެފިކު ވަޔޮލޭޝަން ޖޫރިމަނާ ނާންނާނެ ކަމުގެ ވައުދާއެކު އައި ސަރުކާރުން ކުރިން ބުނި އެތި ކެންސަލްކޮށް ޖޫރިމަނާ ކޮށް ޓޯކުރުމަކީ ހަމަ ވައުދު ފުއްދާ ގޮތް ބާއެވެ؟
ރައީސް މުއިއްޒުއެވެ. ބަހަކީ ދުލުން ބޭރުކުރުމުގެ ކުރިން އެމީހެއްގެ އަޅެކެވެ. ނަމަވެސް ދުލުން ބަސް ބޭރުކުރުމަށް ފަހު އެމީހަކީ އެބަހުގެ އަޅެކެވެ. މިކަން މަނިކުފާނު ހަނދުމަ ނެތުމަކީ އަތް މަތީ ކަމެއްކަމަށް އެބަ ފެނެއެވެ.
ވައުދެއް ވެޖިއްޔާ މިފެންނަީ ގިނަ ވައުދުތައް ފުއްދުމުގައި މަކާރާ އޮޅުވާލުމެވެ. ޕާކިން އަށް ހައްލެއް ހޮދާ ނުދެއްވާ ވެހިކަލްތައް ޓޯ ކޮށް ޖޫރިމަނާ ކުރުމަކީ މަނިކުފާނު އެ ވައުދު ފުއްދުމަށް ގެންގުޅުއްވާ އުސޫލު ތޯއެވެ؟