
މާދަމާ ކުރިއަށްދާ އިންތިޚާބުތަކާ ގުޅުވައިގެން ރިޝްވަތު ދިނުމާއި ވޯޓު ވިއްކުމުގެ ނުބައިކަމާ މެދު، ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަރުގަދަ ނަސޭޙަތެއް ދެއްވައިފިއެވެ.
ޑރ. ޖަމީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޝްވަތަކީ އުއްމަތުގެ އިޖްމާޢުން ސާބިތުވެގެންވާ ބޮޑު ޙަރާމް ކަމެއް ކަމަށާއި، އޭގެ ތެރޭގައި މުދަލާއި، ޚިދުމަތްތަކާއި ނުޙައްގު މަގާމްތައް ވެސް ހިމެނޭ ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ.
ކީރިތި ޤުރުއާނުގެ އާޔަތްތަކުން މިސާލު ދައްކަވަމުން ޖަމީލް ވިދާޅުވީ، އަލް މާއިދާ ސޫރަތުގެ 42 ވަނަ އާޔަތުގައި، ދޮގުބަސްތައް އަހައި ޙަރާމް މުދާ (ރިޝްވަތު) ކައި އުޅޭ މީހުންގެ ވާހަކަ ބަޔާންކުރައްވާފައިވާ ކަމަށެވެ. އަދި ބަޤަރާ ސޫރަތުގެ 188 ވަނަ އާޔަތުގައި ޙަރާމް އަދި ބާތިލް ތަކެތި ނުކެއުމަށް ﷲ ތަޢާލާ އަންގަވާފައިވާކަން ޖަމީލް ފާހަގަކުރެއްވިއެވެ.
ރިޝްވަތުގެ ނުރައްކާތެރިކަމާ ގުޅޭގޮތުން ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކަށް އިޝާރާތް ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ، ރިޝްވަތު ދޭ މީހާއާއި ހިފާ މީހާގެ މައްޗަށް ﷲ ތަޢާލާގެ ލަޢުނަތް ހުރި ކަމަށާއި، އެއީ ނަރަކަވެރިން ކަމުގައި ޙަދީޘްފުޅުތަކުން އެނގެން އޮތް ކަމަށެވެ.
"ވޯޓު ވިއްކުމާއި، ވޯޓާ ގުޅިގެން މީހުންގެ އަތުން ހޯދާ ތަކެއްޗާއި، ދީނީ އަޅުކަމެއްގެ ނަމުގައި ހޯދާ ޢުމްރާ ދަތުރު ފަދަ ކަންކަމަކީ ބާތިލް ގޮތުގައި ހޯދާ ތަކެތި،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ރިޝްވަތުގެ ނުބައި ނަތީޖާއެއްގެ ގޮތުން ﷲ ތަޢާލާގެ ރަޙްމަތުން ބަރީއަވުމާއި، ނިކަމެތިންގެ ޙައްގުތަކަށް އަރައިގަނެވުމާއި، ތިމާއާއި ތިމާގެ ދަރިންނާއި ނަސްލު ހަލާކުވެ، ނޭނގޭ ފަދަ މުސީބާތްތަކުގެ ތެރެއަށް ޣަރަގުވެގެންދާނެ ކަމަށް ވެސް ޖަމީލްގެ މި ނަސޭޙަތުގައި ބަޔާންކުރައްވާފައިވެއެވެ.
މާދަމާގެ އިންތިޚާބާއި ދިމާކޮށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއިން އަންނަނީ ރިޝްވަތުގެ ގޮތުގައި އުމްރާ ދަތުރުތަކާއި ދައުލަތުގެ ބަޖެޓަށް ނުކަތާ ވަރަށް ވަޒީފާތައް ބަހަމުންކަން ފާހަގަކުރެވެއެވެ.










