April 3, 2026
Advertisement
-
- / ވެމްކޯ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ މައްސަލަ އަނެއްކާވެސް ބޮޑުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 3, 2026, 05:04 PM
މާލެ ސިޓީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބައެއް މުވައްޒަފުންނަށް މިދިޔަ މާޗް މަހުގެ މުސާރަ އަދިވެސް ލިބިފައިނުވާތީ، މުވައްޒަފުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެއެވެ.

Advertisement

ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މައުލޫމާތު ފެތުރިފައިވާ ގޮތުގައި މިދިޔަ މަހުގެ މުސާރަ ބުރާސްފަތި ދުވަހާ ހަމައަށް ހުރީ ނުދީ ހިފަހައްޓާފައި ކަމަށެވެ. ބައެއް މުވައްޒަފުންނަށް ބުރާސްފަތި ދުވަހުގެ ރޭ މުސާރަ ޖަމާކުރި ނަމަވެސް، އަދިވެސް ގިނަ އަދަދެއްގެ މުވައްޒަފުންނަށް މުސާރަ ނުލިބޭކަން ވަނީ އެނގިފައެވެ.

ވެމްކޯގެ މުސާރައިގެ މައްސަލަ މިދިޔަ ތިން މަސް ދުވަހު ވެސް ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ. އެގޮތުން ޑިސެމްބަރު މަހުގެ މުސާރަ ޖެނުއަރީގައި ދިން އިރު، ޖެނުއަރީ މަހުގެ މުސާރަ ދީފައިވަނީ ފެބްރުއަރީ މަސް ފެށުނު ފަހުންނެވެ. އަދި ފެބްރުއަރީ މަހުގެ މުސާރަ ވެސް މުވައްޒަފުންނަށް ލިބިފައިވަނީ މާޗް މަހުގެ 10 ވަނަ ދުވަހާ ގާތްވެފައި ވަނިކޮށް، މީޑިއާގައި އެކަމުގެ ޚަބަރުތައް ފެތުރުނު ފަހުންނެވެ.

މުސާރައިގެ އިތުރުން، މުވައްޒަފުންގެ މުސާރައިން ޕެންޝަން ފަންޑަށް ފައިސާ އުނިކުރި ނަމަވެސް، އެ ފައިސާ ޕެންޝަން އޮފީހަށް ޖަމާނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމުގެ ޝަކުވާތައް ވެސް ވަނީ ބޮޑުވެފައެވެ. އަދި މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތް ވެސް މުވައްޒަފުންނަށް ދީފައިވަނީ، މުސާރަ ނުލިބިގެން މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް މީޑިއާގެ ސަމާލުކަމަށް އެ މައްސަލަ ގެނައި ފަހުންނެވެ.

މި ހުރިހާ ކަންބޮޑުވުންތަކަކާ ގުޅިގެން ވެމްކޯއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ވެމްކޯގެ މުވައްޒަފުންނަށް ގަވާއިދުން މުސާރަ ނުލިބޭ މައްސަލަ އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ތަކުރާރުވަމުންދާ، އަދި މިހާތަނަށް އެދެވޭ ހައްލެއް ލިބިފައިނުވާ މައްސަލައެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved