ރަށްރަށުގައި ކަރަންޓް ބިލުގައި، ކުނި ނެގުމުގެ ބިލުގެ ފީ ހިމަނަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމި ނިންމުން އަނބުރާ ގެންގޮސް ސަރުކާރުން އުނބަށް ޖަހައިފި އެވެ.
މީގެ ކުރިން ވެމްކޯއިން ބުނެފައިވަނީ، މި އަހަރުން ފެށިގެން ވެމްކޯއިން ހިދުމަތްދޭ ރަށްރަށުގައި ކުނި ނެގުމުގެ ފީ ނަގާނީ ކަރަންޓު ބިލާއެކުގައި ކަމަށެވެ.
އެހެން ނަމަވެސް ވެމްކޯ އިން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ނިންމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ބަދަލު ކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެ ބަދަލާއެކު ރަށްރަށުގައި ވެމްކޯގެ ހިދުމަތް ފޯރުކޮށްދޭނީ އަދި ބިލު ކުރެވޭނީ ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެމްކޯ ބިލު ކަރަންޓު ބިލުގައި ހިމަނަން ނިންމީ ވެެމްކޯއިން މާލެ ސަރަހައްދުގައި ކުނި އުކައިދޭ ހިދުމަތަށް ގިނަ ގޭބިސީތަކުން ފައިސާ ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
މި ސަރުކާރުން ވަރަށް ގިނަ ނިންމުންތައް ނިންމުމަށްފަހު ފަހުން އެ ނިންމުން ބަދަލުކުރަމުން އަންނާތީ އާންމުގެ ފާނޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ