ނިމި ދިޔަ ސަރުކާރުން ރައީސް އަބްދުﷲ ޔާމީނަށް ދީފައިވާ ލުއިތައް، މި ސަރުކާރުން ރިވިއު ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީނަށް ދިފައިވާ ލުއިތައް ރިވިއު ކުރަން ފަށަފައިވަނީ ދާދި ފަހުން ޔޫތު ސިޓީގައި އޮތް މާހެފުމަކަށް އެމަނިކުފާނު ވަޑައިގެންވުމަކީ ސިޔާސީ ކަމެއްގައި ބައިވެރިވުން ކަމަށް ބުނެއެވެ.
އެގޮތުން އެރޭ އޮތް މާހެފުމަށް އެމަނިކުފާނު ވަޑަިއގެންެވި މައްސަލަބަލާ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހަމަ އެރޭ ކަރެކްޝަންސްއިން މީޑިޔާތައް މެދުވެރިކޮށް ދީފައިވެއެވެ. ނަމަވެސް ރައީސް ޔާމީނަށް ވަކިން މިކަން ރަސްމީކޮށް އަންގާފައި ނުވެއެވެ.
މައްސަލަ ރިވިއުކުރަމުންދާކަން ޗެނަލް13އަށް ކަރެކްޝަންސްގެ ފަރާތުންވަނީ ކަށަވަރުކޮށްދީފައެވެ.
އެ އިދާރާގެ މީޑިޔާ އޮފިސަރ ޔުސްރީނު ވިދާޅުވީ ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުންދާ މަންޒަރު މީޑިޔާތައް މެދުވެރިކޮށް ފެންނަމުންދާ ކަމަށާ އެއީ އުސޫލާ ޚިލާފުކަމަކަށް ވާތީ ދީފައިވާ ލުއިތައް ރިވިއު ކުރަމުން ގެންދާ ކަމަށެވެ.
ކަރެކްޝަންސްއިން މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ގާނޫނީ ވަކީލުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެމަނިކުފާނަށް އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގާނޫނީ ހުރަހެއް ނެތެވެ. އެގޮތުން ކަރެކްޝަންސްއިން ހަވާލާ ދޭ ޕެރޯލު ގާނޫނުގެ މާއްދާ ތަރުޖަމާ ކުރަނީ ގޯސްކޮށްކަމަށް ވެސް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާތީ ލުއިތައް ރިވިއު ކުރާކަމަށް ބުނެފައިވާއިރު އެމަނިކުފާނަށް ދިން ލުއިތަކަކީ ކޮބައިކަމާއި ގެއަށް ބަދަލު ކުރިއިރު ވެފައިވާ އިގުރާރުގެ ތަފްސީލަކީ ކޮބައިކަން ކަރެކްޝަނުން ހާމައެއް ނުކުރެއެވެ. ފަހުން އެމަނިކުފާނުގެ ފަރާތުން ލުއިތަކެއް ދީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އަދި ނޫސްވެރިންގެ ބައްދަލުވުމަކަށް އެދުމުން ކަރެކްޝަނުން އެ ހުއްދައެއް ނުދިނެވެ.