
އިދިކޮޅު އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެ، ފެކްޝަންތަކުގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައި ވަނިކޮށް، އެ ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު މައުރޫފް މިއަދު މަގާމުން ވަކިކޮށްފިއެވެ.
މައުރޫފް މަގާމުން ވަކިކުރިކަން އަންގައި ޕާޓީގެ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ފޮނުއްވި ސިޓީގައި، އޭނާ ވަކިކުރި ވަކި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް، މަގާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި މަސައްކަތްޕުޅަށް އެ ސިޓީގައި ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ކުއްލި ބަދަލު އައިސްފައި މިވަނީ ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގެ އެޖެންޑާ ކަނޑައެޅި ގޮތާ މެދު ޕާޓީގެ ތެރޭގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ރޭގެ ޖަލްސާ ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މައުރޫފް ވަނީ ސޯޝަލް މީޑިއާގައި ނުސީދާ މެސެޖެއް ދޫކޮށްލައްވާފައެވެ. އޭނާ ލިޔުއްވާފައިވަނީ "ބޮޑާވުމަކީ ނާކާމިޔާބީއަށް މަގުފަހިވާ ކަމެއް ކަމުގައެވެ.
މައުރޫފް އިތުރަށް ވިދާޅުވީ، ކޮންމެ މީހަކުވެސް މަޑުމައިތިރިކަން އިސްކޮށް، އެކަކު އަނެކަކަށް ޝުކުރުވެރިވާން ޖެހޭ ކަމަށެވެ. އަދި މީހުންނަށް އުންމީދު އާކޮށްދީ، ރަނގަޅު މަގު ދައްކައިދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. މައުރޫފަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ހަލަބޮލިކަމުގެ މައިގަނޑު ސަބަބަކީ ރޭ ބޭއްވި ޖަލްސާގެ އެޖެންޑާ ކުރިއަށްގެންދިޔަ ގޮތެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދިނުމަށް ފަހު، އެންމެ ފަހު ވަގުތު އެ ފުރުސަތު ވަނީ އަތުލާފަ އެވެ. މިކަމާ ހިތްހަމަނުޖެހިގެން ނަޝީދާއި ފައްޔާޒު ވެސް ރޭގެ ޖަލްސާއަށް ވަޑައެއްނުގަންނަވަ އެވެ.
މި މައްސަލައިގައި ޕާޓީގެ އާންމު މެންބަރުންގެ ފާޑުކިޔުން ޗެއާޕާސަން ގަފޫރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ބައެއް މެންބަރުން އޭނާގެ އިސްތިއުފާއަށް ގޮވަމުންދާއިރު، ގަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުގެ މަސައްކަތް ވެސް ޕާޓީގެ އެތެރޭގައި ދަނީ ކުރެވެމުންނެވެ.










