April 8, 2026
Advertisement
Gafoor
Gafoor / ސޯޝަލް މީޑިއާ

ހަސަން ކުރުސީގެ އިންޒާރެއް ގަޕޯއަށް: އިސްތިއުފާ ދީ ނޫނީ ޕާޓީއިން ބޭރުކޮށްލާނަން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 7, 2026, 05:24 PM
މާލެ ސިޓީ

އިދިކޮޅު މައި އެއް ޕާޓީ، އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ، އެ ޕާޓީގެ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ހަސަން ކުރުސީ ވަރުގަދަ އިންޒާރެއް ދީފިއެވެ.

Advertisement

މި މައްސަލަ ހޫނުވެފައިވަނީ ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގެ އެޖެންޑާ ފައިނަލްކުރި ގޮތާ މެދު ހިތްހަމަނުޖެހުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި، މި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް ފުރަތަމަ ނިންމި ނަމަވެސް، ފަހުން އެޖެންޑާ ފައިނަލް ކުރިއިރު އެ ފުރުސަތު ވަނީ އުނިކޮށްފައެވެ. މިކަމާ ގުޅިގެން ނަޝީދާއި ފައްޔާޒު އެ ޖަލްސާއަށް ވަޑައެއްނުގަންނަވައެވެ.

ހަސަން ކުރުސީގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގަފޫރު ޗެއާޕާސަން ކަމުން ވަކިކޮށްފައި ނޫނީ އޭނާ ދެން ނުނިދާނެ ކަމަށެވެ. "ކަލެއަށް ދެން އޮތީ ކުޑަ ވަގުތުކޮޅެއް. އިސްތިއުފާ ދީ، ނޫނީ މި ބޭރު ކުރަނީ،" ކުރުސީގެ އިންޒާރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ނުހައްގުން މީހުން މަގާމުތަކުން ވަކިކުރުމަކީ އެމްޑީޕީގެ އުސޫލެއް ނޫން ކަމަށާއި، އެމްޑީޕީއަކީ "ފެނަކަ" އަށް ހަދަން ގަފޫރު ކުރާ މަސައްކަތް ހުއްޓުވާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. "މާދަމާ އިރު އަރާއިރު ކަލޭ މަގާމުގަ ނުހުންނާނެ،" ކަމަށް ބުނެ ކުރުސީ ވަނީ ގަޑި ޖައްސައިގެން ގުނަން ފެށުމަށް ގަފޫރަށް ގޮވާލާފައެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައިވެސް ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ބައެއް މެންބަރުން ގަފޫރުގެ އިސްތިއުފާއަށް ގޮވަމުންދާއިރު، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

މިކަމާ ގުޅޭގޮތުން ޗެއާޕާސަން އަބްދުލް ގަފޫރު މޫސާގެ ފަރާތުން މިހާތަނަށް ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މިއީ އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ހާމަވެގެންދިޔަ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved