April 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ރާއްޖޭގެ އިގުތިސާދީ ދުވެލި ވަރަށް ބޮޑަށް މަޑުޖެހެނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 10, 2026, 03:02 PM
މާލެ ސިޓީ

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން މިއަދު ނެރުނު "އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް" ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މި އަހަރު ދިވެހިރާއްޖޭގެ އިގުތިސާދީ ކުރިއެރުން ވަރަށް ބޮޑަށް ދަށްވާނެއެވެ.

Advertisement

އެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުން، މިދިޔަ އަހަރު 5.4 އިންސައްތައިގައި ހުރި ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މިއަހަރު 1.0 އިންސައްތައަށް ދަށްވާނެއެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، އޭގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކުރުމުގެ ޚަރަދު ބޮޑުވެ، އިންފްލޭޝަން ނުވަތަ ތަކެއްޗާއި ޚިދުމަތުގެ އަގު 5.0 އިންސައްތައަށް އުފުލޭނެތީ ދިމާވާނެ ގޮންޖެހުމެއް ކަމަށް އޭޑީބީން ފާހަގަކުރެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަނީ ނާޒުކު ފައްތަރެއްގައެވެ. މި މަހުގެ ކުރީކޮޅު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމާ ގުޅިގެން ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އޭޑީބީގެ ސީނިއާ އިކޮނޮމިސްޓް ޖޫލްސް ހޫގޯ ވިދާޅުވީ، ދަރަނި ދެއްކުމުގައި ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް، ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއެކު ފަތުރުވެރިން އައި އަދަދު 10 އިންސައްތަ އިތުރުވި ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ވަނީ ދަށްވެފައެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން ވަނީ މަޑުޖެހިފައެވެ.

އޭޑީބީން ލަފާކުރާ ގޮތުގައި، ސަރުކާރުން މާލީ އިޞްލާޙީ ފިޔަވަޅުތައް އަޅައި، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ހަރުދަނާކޮށްފިނަމަ، އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 3.0 އިންސައްތައަށް ކުރިއަރާނެއެވެ. ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތައް ދިގުލައިގެން ހިނގައްޖެނަމަ، ރާއްޖޭގެ އިގުތިސާދަށް އޮތް ނުރައްކާ އިތުރުވެގެންދާނެ ކަމުގެ އިންޒާރުވެސް އެ ބޭންކުން ވަނީ ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved