ވާނުވާބަންދު އުވާލުމަށް ގޮވާލާ ބަޔަކު އިހްތިޖާޖްކޮށްފިއެވެ.
ހުކުރު ދުވަހުގެ ހަވީރު މާލޭގެ ބްރިޖް ވިޔު ސަރަހައްދުގައި މި އިހްތިޖާޖް ކުރިޔަށް ގެންގޮސްފައިވާއިރު މީގެ ކުރިންވެސް ވަރަށް ގިނަ ފަރާތްތަކުން ވަނީ ވާނުވާބަންދު އުވާލުމަށް ސަރުކާރަށް ގޮވާލާފައެވެ.
އިހްތިޖާޖްގައި ބައިވެރިވެފައިވަނީ ޒުވާނުންކަން ފާހަގަކޮށްލެވެއެވެ.
އެގޮތުުން އެމީހުން ގޮވަމުންދިޔައީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތައް އަމަލުތައް ބަހައްޓަވާ ވާނުވާ ބަންދު އުވާލަދިނުމަށެވެ.
ވާނުވާގައި 282 ދިވެހިން އެބަތިބިކަމަށާއި އެއީ އެމީހުންގެ އާއިލާތަކަށް ލިބޭ ހިތާމައެއްކަމަށްވެސް އެ ފަރާތްތަކުން ވަނީ އިހްތިޖާޖްގައި ގޮވާލާފައެވެ.
އަދުގެ ސަރުކާރު ވެރިކަމަށް އަންނަމުން ކެމްޕެއިން ދުވަސްވަރު ވިދާޅުވެފައިވަނީ ވާނުވާ ބަންދުގައި އެއްވެސް ފަރާތެއް ނުބެހެއްޓޭނެކަމަށާއި މަދުވެގެން ވެސް ބަންދުގައި ބެހެއްޓޭނީ 48 ގަޑިއިރުކަމަށެވެ.
ނަމަވެސް އިންތިޚާބަށްފަހު ވާނުވާ ބަންދުގެ މައްސަލައަށް ރައީސް ހައްލުގެންނަވާ މަންޒަރު ނުފެންނާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކޮށް ކަންބޮޑުވުންފާޅުކުރަމުންނެވެ.
ރިޔާސީ ބަޔާން އިއްވިދުވަހު ފެބްރުއަރީ މަސްތެރޭގައި އެކަމަށް ހައްލު ގެންނާނެކަމަށް ވިދާޅުވި އިރު މި ހިނގަނީ މާޗް މަސްކަން ވެސް ފާހަގަކޮށްލެވެއެެވެ.
މީގެ ހަފްތާއެއް ކުރިން ވާނުވާ ބަންދުގައި ނުބައިތިއްބޭނެ ގޮތައް އިސްލާހެއް ގެންނަން މަސައްކަތް ފަށާފައިވާނެކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން އެކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވެއެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޕީއެންއެފްގެ ޖަލްސާއެއްގައި ވާނުވާ ބަންދުގެ ވާހަކަ ދައްކަވައި، ވާނުވާގައި މީހުން ބައިތިއްބުމަކީ އެންމެ އެދެވޭ ގޮތް ނޫންކަމަށްވެސް ވިދާޅުވެފައެވެ. އަދި މިސާލެއްގެ ގޮތުގައި އެމަނިކުފާނުގެ މައްސަލަ ވަނީ ދައްކަވާފައެވެ.
ރައީސް ޔާމީންގެ މައްޗަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، ވ. އާރަށުގެ މައްސަލައިގައި ކުރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއްކޮށް އޭގެ ފަހުން ޖޫރިމަނާގެ ހުކުމެއްވެސް ކޮށްފައިވާއިރު އެ ދެ ހުކުމްގެ އިސްތިއުނާފު ހައިކޯޓު މަރުހަލާގައި ތާށިވެފައި އޮތް އޮތުމުގެ ކަންބޮޑުވުމަކީ އެއީ ގިނަ ބަޔަކު ފާޅުކުރަމުންދާ ކަންބޮޑުވުމެކެވެ.