
ރައީށް މުޢިއްޒުގެ ކެބިނެޓުން 10 ވަޒީރުން ވަކިކުރައްވައި، ސަރުކާރުގެ އާ ވަޒީރުންގެ މަޖިލިސް މިރޭ އަލުން އެކުލަވާލައްވައިފިއެވެ. މި ބަދަލާއެކު، ކުރިން ވަޒީރުކަމުގެ މަޤާމުގައި ނެތް އައު ހަތަރު ބޭފުޅަކު ވަނީ ކެބިނެޓަށް އަލަށް އައްޔަންކުރައްވާފައެވެ.
ކެބިނެޓަށް މި ބޮޑު ބަދަލު ގެންނަވާފައިވަނީ މިއަދުގެ ވަގުތެއްގައި ސަރުކާރުގެ 10 މިނިސްޓަރަކު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ.
މިރޭ ބޭއްވުނު ރަސްމިއްޔާތެއްގައި އައު ކެބިނެޓުގެ ވަޒީރުން ވަނީ މަޤާމުގެ ހުވާ ކުރައްވާފައެވެ. އަލުން ހުވާކުރެއްވި ވަޒީރުންގެ އިތުރުން އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް އާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ކުރީގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބައެއް އެހެން ވަޒީރުންވެސް ވަނީ އައު ކެބިނެޓުގައި ހިމެނިވަޑައިގެން އަލުން ހުވާކުރައްވާފައެވެ.
މުއިއްޒު ގެންނެވި މި ބަދަލަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އަވަސް މިނެއްގައި ފޯރުކޮށްދިނުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



