
މި ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުން މަގާމުތަކުގައި ހަރުނުލާ މައްސަލަ ބޮޑުވެފައިވަނިކޮށް، ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މުޝީރުގެ މަގާމަށް އައްޔަންކުރެއްވި ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް، މަގާމާ ހަވާލުވެވަޑައިގެންނެވިތާ 24 ގަޑިއިރުވެސް ނުވަނީސް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ދިވެހިބަހާއި ސަގާފަތް އަދި ތަރިކައާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާދެއްވާ މުޝީރެއްގެ ގޮތުގައި، މިނިސްޓަރު ފެންވަރުގައި އާދަމް ނަސީރު އެ މަގާމަށް އައްޔަންކުރެއްވީ އިއްޔެއެވެ. ނަމަވެސް، މިއަދު ހަވީރު 15:30 ހާއިރު ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ އާދަމް ނަސީރު މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
އާދަމް ނަސީރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. މިއީ މި ސަރުކާރުގެ މަތީ މަގާމުތަކުން ބޭފުޅުން އިސްތިއުފާ ދެއްވުމާއި، މަގާމުތަކަށް ގެންނަ އަވަސް ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ހަމަޖެހުމާ މެދު ސުވާލު އުފެދެމުންދާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ.
މީގެކުރިންވެސް ކެބިނެޓްގެ 10 ވަޒީރަކު ވަނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭރު ރައީސް އޮފީހުން ވިދާޅުވީ އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސް ބޭނުންފުޅުވާ ބަދަލުތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ފަހުން ވަނީ އަލުން ދައުލަތުގެ އިސް މަގާމުތައް ދެއްވާފައެވެ.
އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް އަލުން މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރައްވާފައިވާއިރު، އިސްތިއުފާ ދެއްވި ބައެއް އެހެން ވަޒީރުންނަށް ސަފީރުކަމުގެ މަގާމުތައް ވަނީ ދެއްވާފައެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން، ސަރުކާރުގެ އިސް މަގާމުތަކުގައި މީހުން ހަރުނުލާކަމާއި، މަގާމުތަކަކީ "މިއުޒިކަލް ޗެއާ" އެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.










