
ރައީސް، ޑރ މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، އަލްފާޟިލް ހަސަން ރަޝީދު މިއަދު އައްޔަންކުރައްވައިފިއެވެ.
ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. މުހައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރުމުގެ ކުރިން ހަސަން ރަޝީދު ހުންނެވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
ހަސަން ރަޝީދަކީ ކުރީގެ ވިލުފުށި ދާއިރާގެ މެމްބަރު، ރިޔާޒް ރަޝީދު އެއްބަނޑު އެއްބަފާ ބޭބެއެވެ. އަދި އޭނާއަކީ މިހާރުގެ ފިނޭންސް މިނިސްޓަރު، މުސާ ޒަމީރާ ވެސް އާއިލީ ބޭފުޅެކެވެ.










