
ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)ގެ އެޑްވައިޒަރަކަށް މަޝްހޫރު ފުޓްބޯޅަ ކޯޗު އަދި ކުޅިވަރު އެޑްމިނިސްޓްރޭޓަރު، މައުރޫފު އަހުމަދު (މާއްޓޭ) އައްޔަނުކޮށްފި އެވެ.
މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސި މާއްޓޭ މަސައްކަތް ކުރުމަށް ހަަމަޖެހިފައިވަނީ، ރާއްޖޭގެ ޑީސެންޓްރަލައިޒޭޝަން (ލާމަރުކަޒުކޮށް) ކަންކަމުގައި މިނިސްޓަރަށް ލަފާ އެރުވުމުގެ ގޮތުންނެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް މީގެ ކުރިން އަދާކުރި މާއްޓޭ، ވަނީ މިދިޔަ ސަރުކާރުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި، އެފްއޭއެމް ހިންގުމަށް، 2024 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް، ފީފާގެ އެންގުމަށް ކަންކަން ކުރި، ނޯމަލައިޒިން ކޮމިޓީން އެކުލަވާލި ޓެކްނިކަލް ކޮމިޓީގައި ވެސް މާއްޓޭ މަސައްކަތްކުރެއްވި އެވެ.
ސްޕޯޓްސް މިިނިސްޓްރީން ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ގައުމީ ފުޓްބޯޅަ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ޓީމުގެ މެނޭޖަރު، މުހައްމަދު ހާނިމް ހަމަޖައްސައިފަ އެވެ.










