
ސަރުކާރުގެ މިނިސްޓްރީތަކުގެ އޮނިގަނޑަށް ގެންނެވި ބޮޑެތި ބަދަލުތަކާއެކު، އުވާލި މިނިސްޓްރީތަކުގެ ސިޔާސީ މުވައްޒަފުން ކޮންމެ ދުވަހަކު އޮފީހަށް ހާޒިރުވެ ފިންގާ ޖެހުމަށްފަހު ގެެއަށް ދާކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.
ޝޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގަޔާއި ސަރުކާރު ޖަވާބުދާރީ ކުރުވާ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުވާލި ނުވަތަ ބަދަލުތައް ގެނައި މިނިސްޓްރީތަކުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދިވެސް ގެންދަވަނީ ކޮންމެ ދުވަހަކު އޮފީހަށް ވަދެ ފިންގާ ޖަހަމުންނެވެ.
މި މަހުގެ 14 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ ކުއްލި ގޮތަކަށް ވަޒީރުންގެ މަޖިލީހަށާއި މިނިސްޓްރީތަކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. އެ ގޮތުން ހަ މިނިސްޓްރީއަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ.
އާންމު އިދާރީ އުސޫލުތައް އޮންނަ ގޮތުން، ސިޔާސީ މުވައްޒަފުން މަސައްކަތްކުރާ މިނިސްޓްރީއެއް އުވާލައިފިނަމަ ނުވަތަ އޮނިގަނޑަށް އަންނަ ބަދަލަކުން މިނިސްޓްރީ ބަދަލުވެއްޖެނަމަ، ވަޒީރުންނެކޭ އެއްގޮތަށް ސިޔާސީ މުވައްޒަފުން ވެސް އަލުން އެ މަގާމުތަކަށް އައްޔަންކުރަން ޖެހެ އެވެ.
ކަން މިހެން ހުރިއިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ވެސް މަސައްކަތް ނުކޮށް މުސާރަ ނަގާ މުވައްޒަފުން ވަނީ ގިނަ ވެފައެވެ. މިއީ ރައްޔިތުންގެ ފައިސާ ހިލޭ ސާބަހަށް ބެހުމެވެ.










