
ލޯނު ދައްކަން ވެސް ލޯނު ނަގަންޖެހުމަކީ ވެރިކަން ކުރަން ނޭނގޭކަމުގެ ހެއްކެއް ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ މެންބަރު އައްބާސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އައްބާސް ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ ސަރުކާރުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކިގެން ރާއްޖެ ބެންކްރަޕްޓްވާ ހާލަތަށް ދިއުމުން، އެ ލޯނު ދައްކަން ޝަރުތުކޮށް އިންޑިއާއިން އަނެއްކާވެސް 319 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާ ކަމަށެވެ.
އަދި މިގޮތަށް ލޯނު ދައްކަން ވެސް އިތުރު ލޯނު ނެގުމަށްފަހު، ރައީސް ޑރ. މުއިއްޒު ލޯނު ދައްކަވައިފި ކަމަށް ބުނެ ސަނާ ކިޔަމުންދާތީ އައްބާސް ވަނީ މަލާމާތްކޮށްފައެވެ.
އައްބާސް އިތުރަށް ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖޭގެ ވެރިކަމަށް އައި ބޭފުޅުންގެ ތެރެއިން ވެރިކަން ކުރަން އެންމެ ނޭނގޭ ވެރިޔާގެ ސަރުކާރު ކަމަށެވެ. ދަރަނި ބޮލުން ނައްޓާލުމުގެ ބަދަލުގައި، ދަރަނި ދައްކަން އިތުރު ދަރަނި އުފެއްދުމަކީ ޤައުމު އިޤްތިޞާދީ ގޮތުން ނުރައްކާތެރި ފުންގަނޑަކަށް ވެއްޓިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.










