April 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޖާބިރާއި މުއިއްޒު އެއްގަލަކަށް: 'ބިއްލޫރި ޓަނަލް' އާއި 'ކޭބަލް ކާރު' ގެ ބާނީން ގުޅިއްޖެ: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 25, 2026, 10:43 AM
މާލެ ސިޓީ

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރެއްވުމާ ގުޅިގެން، ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. މަލީހް މިކަމަށް ފާޑުވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement

މަލީހްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ޖާބިރު ރައީސް މުއިއްޒާ ގުޅިވަޑައިގަތުމުން، މި ދައުރުގެ ތެރޭގައި ރަސްމާލެ 'ބިއްލޫރި ޓަނަލް' އެޅޭނެ ކަމަށް ކުރެވޭ އުއްމީދު އާވެއްޖެ ކަމަށެވެ. ޖާބިރަކީ ކާށިދޫގައި ކޭބަލް ކާރު އެޅުމުގެ ޕްރޮޖެކްޓް އިޢުލާންކުރެއްވި 'ބާނީ' ކަމަށާއި، ރައީސް މުއިއްޒަކީ ރަސްމާލެ ބިއްލޫރި ޓަނަލްގެ 'ބާނީ' ކަމަށް ސިފަކުރައްވައި، މި ދެ ބާނީން އެއްގަލަކަށް އެރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި މަލީހް ވަނީ މަޖާޒީ ގޮތެއްގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މަލީހް ވަނީ މި ދެ މަޝްރޫޢަކީވެސް ރައްޔިތުން ހައްލާލުމަށް ދައްކާފައިވާ 'ޅޮސް ވާހަކަ' ތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ކާށިދޫ ކޭބަލް ކާރު ޕްރޮޖެކްޓް ފްލޮޕްވެގެން ދިޔަ ފަދައިން، ބިއްލޫރި ޓަނަލްގެ މަޝްރޫޢަށްވެސް ވާނީ އެހެން ކަމަށް މަލީހް ތުހުމަތު ކުރެއްވިއެވެ. މިއީ ހަގީގަތެއް ނެތް، ހަމައެކަނި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރާ ކަންކަން ކަމަށްވެސް މަލީހް ވިދާޅުވިއެވެ.

ޖާބިރު ޕީއެންސީއަށް ސޮއިކުރެއްވީ ހިތަދޫ ދާއިރާގެ ބައި އިލެކްޝަން ޕީއެންސީއަށް ކާމިޔާބު ކޮށްދެއްވުމަށް ކަމަށް ވިދާޅުވި ނަމަވެސް މިއީ ކޮންމެވެސް ވިޔަފާރީގެ ފައިދާއެއް ހޯއްދެވުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށް ގިނަ ފަރާތްތަކުން ތުހުމަތުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved