
ރާއްޖޭގެ ވެރިއަކާ ސުވާލުކޮށްގެން މިހާތަނަށް ދިވެހި ތާރީޚުގައިވެސް ރައްޔިތުން ޖަލަށް ލުމަކީ ކުރި ކަމެއް ނޫން ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ. މަލީހް މިފަދައިން ފާޑުވިދާޅުވީ، ރައީސް މުއިއްޒާއި ނޫސްވެރިޔާ ޝަހުޒާން ސުވާލުކުރުމާ ގުޅިގެން ހައްޔަރުކޮށް ޖަލަށްލުމާ ގުޅިގެންނެވެ.
މަލީހް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ 3000 އަހަރަށްވުރެ ދިގު ތާރީޚުގައިވެސް، ގައުމުގެ ވެރިޔަކާ ސުވާލެއް ކޮށްގެން މީހަކު ޖަލަށްލާފައިވާކަން ތާރީޚުން އެނގެން ނެތް ކަމަށެވެ. މިއީ ދިވެހި ތާރީޚުގައި މީގެ ކުރިން އަޑުއަހާފައިވާ ކަމެއް ނޫން ކަމަށް މަލީހް ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް އިޝާރާތް ކުރައްވަމުން މަލީހް ވިދާޅުވީ، މިއީ ގައުމު މިހާރު ވެއްޓިފައިވާ ނާޒުކު ފަތްތަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މި އަމަލަކީ ރައީސް މުއިއްޒަކީ ކޮންކަހަލަ ބޭފުޅެއްކަން ހާމަވާ ކަމެއްގެ ގޮތުގައި މަލީހް ސިފަކުރެއްވިއެވެ.
މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން ޝަހުޒާން ދެއްކެވި ހިތްވަރަށް މަލީހް ވަނީ ސާބަސް ދެއްވާފައެވެ. މަލީހްގެ މި ވާހަކަތަކަކީ މިހާރުގެ ސަރުކާރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ބާރުދޭ ވާހަކަތަކެކެވެ.










