
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލީހުގެ ތެރެއިން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާ ގުޅިގެން، ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް އެކަމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މަލީހް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ހާލަތު ބަދަލުވެގެންދާ ހިނދު ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ގަރާރުގައި އެންމެ ފުރަތަމަ ސޮއިކުރައްވާނީ އަދި އެ ގަރާރު މަޖިލީހަށް ހުށަހަޅުއްވާނީ ވެސް އަބްދުއްރަހީމް ކަމަށެވެ. މަލީހް ސިފަކުރެއްވި ގޮތުގައި އަބްދުއްރަހީމްގެ ހިތުގައި ރައީސް މުއިއްޒާ މެދު ވަނީ ބޮޑު "ކަޅު ފާރެއް" ލެވިފައެވެ.
މަލީހް މިހެން ވިދާޅުވީ، އައްޑޫގައި ބޭއްވި ޕީއެންސީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ އިދިކޮޅުން ދެކޭ "ނަނާ ހުވަފެނެއް" ކަމަށް އަބްދުއްރަހީމް ވިދާޅުވުމާ ގުޅިގެންނެވެ. އެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ އެފަދަ ކަމަކަށް މަޖިލީހުގެ ތެރެއިން އެއްވެސް ޖާގައެއް ފަހިކޮށް ނުދެއްވާނެ ކަމަށެވެ.
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދުގެ ކެމްޕޭން އިފްތިތާހު ކުރުމަށް ބޭއްވި މި ޖަލްސާގައި އަބްދުއްރަހީމް ވަނީ ސަރުކާރުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަދައްކަވާފައެވެ. ނަމަވެސް މަލީހްގެ ތުހުމަތަކީ ސިޔާސީ މަސްރަހު ބަދަލުވުމާއެކު އެންމެ އިސްކޮށް ރައީސާ ދެކޮޅަށް ނުކުންނަވާނީ އަބްދުއްރަހީމް ކަމަށެވެ.









