April 30, 2026
Advertisement
-
- / ތޭރަ އޮންލައިން

މުސާރަ ޖަމާވާ ދުވަހާއި ދިމާކޮށް ބޭންކް ޑައުންކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 29, 2026, 09:44 PM
މާލެ ސިޓީ

މުސާރަ ޖަމާވާ ދުވަހާއި ދިމާކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިންގެ ޚިދުމަތަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ، ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

Advertisement

މިއަދު ހަވީރުން ފެށިގެން ދިމާވި މި މައްސަލަ ގައުމީ ބޭންކުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. ބީއެމްއެލް އިން  'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، ކޮންމެ މަހަކުވެސް މުސާރަ ޖަމާވާ ދުވަހާ ދިމާކޮށް ބޭންކުގެ ޚިދުމަތްތައް މެދުކެނޑުމަކީ މިހާރު އާންމު ކަމެކެވެ. މިކަމުގެ ސަބަބުން، ކޮންމެހެން ކުރަންޖެހޭ ވިޔަފާރިތަކާއި ފައިސާގެ މުއާމަލާތްތައް ނުކުރެވި، ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވަމުންދާ ކަމަށް ކަސްޓަމަރުން ބުނެއެވެ.

ޚަބަރުތައް ލިބޭ ގޮތުގައި، ބީއެމްއެލްގެ ޑިޖިޓަލް ޚިދުމަތްތައް ނުލިބޭތާ ގަޑިއިރަކަށް ވުރެ ގިނަ އިރު ވެފައިވާއިރު، އެކައުންޓްތަކަށް ލޮގިން ނުވެވުމުގެ ސަބަބުން ގިނަ ބައެއްގެ މުއާމަލާތްތައް ވަނީ ހުއްޓިފައެވެ. ނަމަވެސް، މި ޚިދުމަތްތައް ފުރިހަމައަށް އިއާދަކުރެވޭނީ ކޮން އިރަކު ކަމެއް ބޭންކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މުސާރަ ޖަމާވާ ދުވަސްވަރަކީ ބޭންކުގެ ޚިދުމަތްތަކަށް އެންމެ ބޮޑަށް ބާރުބޮޑުވާ ވަގުތަށް ވާއިރު، މިފަދަ ދަނޑިވަޅެއްގައި ޚިދުމަތް މެދުކެނޑުމަކީ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved