
މިއީ އިމެއް އިންފާރެއް ނެތި ނޫސްވެރިކަން ކުރަން ޖާގަދޭނެ ކަމަށް ބުނެ އައި ރައީސެއްގެ ވެރިކަން ނަމަވެސް މިހާރު ރާއްޖެއިން ފެންނަނީ ނޫސްވެރިކަމުގެ ހައްޤުތައް ހަނިވެ، މިނިވަން މުއައްސަސާތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފެތުރެމުންދާ ނުރައްކާތެރި މަންޒަރެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން ދާދި ފަހުން އާންމުކުރި މި އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ރާއްޖޭގެ ނޫސްވެރިކަމަށް ލިބުނު ބޮޑު ގޮންޖެހުމެކެވެ. މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނަ ދަރަޖައިން، މިއަހަރު ވަނީ 108 ވަނަ ދަރަޖައަށް ވެއްޓިފައެވެ. މިއީ ހަތަރު ދަރަޖައިގެ ފަހަތަށް ޖެހުމެކެވެ. އާރްއެސްއެފްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ސްކޯ ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފައެވެ.
މި ވެއްޓުމުގެ ތަފުސީލަށް ބަލާއިރު، ހުރިހާ ދާއިރާއަކުންވެސް ރާއްޖެ ވަނީ ފަހަތަށް ގޮސްފައެވެ:
ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދަމުން ނޫސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާއިރު، އަމަލީ ގޮތުން ފެންނަނީ ނޫސްވެރިންގެ "އަނގަބަންދުކުރުމަށް" ރޭވުންތެރި މަސައްކަތްތަކެއް ކުރެވޭ މަންޒަރެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ފާސްކުރި "މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އަކީ މީގެ ފާޅުކަން ބޮޑު ހެއްކެކެވެ.
މި ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނަށް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި، ސަރުކާރަށް ފާޑުކިޔާ ވެބްސައިޓުތައް ބްލޮކްކުރުމުގެ ފުރިހަމަ ބާރު ވަނީ ދީފައެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަހެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވަނީ ސިފަކޮށްފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ހުރިހާ ބާރެއް ރައީސްގެ އަތްޕުޅަށް ނަންގަވައި، ނޫސްވެރިން ބިރުގަންނަވައި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ނޫސްވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް މިހާރު ވަނީ އޮފީސްތަކުގެ ދޮރުމައްޗާ ހަމައަށް ފޯރާފައެވެ. ދާދި ފަހުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ގުޅޭގޮތުން ތައްޔާރުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން، "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ، އެތަނުގެ ސާމާނުތައް ހިފަހައްޓައި، ނޫހުގެ އިސްވެރިންގެ ޕާސްޕޯޓު ހިފެހެއްޓި ހާދިސާއަކީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ދެވުނު އިންޒާރެކެވެ.
ނޫސްވެރިންގެ ހައްޤުތަކަކީ ހަމައެކަނި ލިޔެފައި އޮންނަ އަކުރުތަކަކަށް ވެގެން ނުވާނެއެވެ. އެއީ ހަގީގީ މާނައިގައި ކަށަވަރުކޮށްދޭންޖެހޭ ހައްޤުތަކެކެވެ. ނަމަވެސް، މިއަދުގެ ހާލަތަށް ބަލާއިރު، ސަރުކާރާ ދެކޮޅަށް ބަހެއް ބުނާ ކޮންމެ ނޫސްވެރިއަކީ ނުރައްކަލަކަށް ހުށަހެޅިފައިވާ މީހެކެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ބައްދަލުކުރާއިރު، ދިވެހި ނޫސްވެރިން ތިބީ މިއިން ދުވަހަކުވެސް ނުދެކޭ ފަދަ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ސަރުކާރުން ބާރުތައް މުށުތެރެއަށް ލައިގެން ނޫސްވެރިންގެ އަނގަބަންދުކުރަން ކުރާ މަސައްކަތަކީ ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފު، ކަންބޮޑުވާންޖެހޭ ކަމެކެވެ.










