އާރްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓާރ / ދެން އެމްވީ
ސިޔާސީ
އާރްޑީސީ ހިޔާނާތުގައި 3 މީހަކު ތަހްގީގަށް ހާޒިރުކޮށްފި
Aishath Naja
އައިޝަތު ނަޖާ
17 މާރިޗު 2024
މާލެ ސިޓީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފުން ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި ތިން މީހަކު ތަހުގީގަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާ ކަމަށް ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްއިން ތަހުގީގު ކުރަމުންދާ ކަންކަމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޫތު ވިދާޅުވީ، އާރްޑީސީގައި މަސައްކަތް ކުރާ އިސް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ދައުރު ކުރުވާފައި ހުރި ކަމަށާއި ކޮވިޑުގެ ހާލަތު ނިމުމުން ވެސް އެ އިސް މުވައްޒަފުން ކަންތައް ކުރީ އެގޮތައް ކަމަށެވެ.

ލޫތު ވިދާޅުވީ އެ އިސް ފަރާތްތަކުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާއަށް ހިޔާނަތްތެރިވެފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި ވަރަށް އަވަހަށް ޕީޖީ އޮފީހަށް މައްސަލައިގައި ދައުވާ ކުރަން ފޮނުވާނެ ކަމަށެވެ.

މި ހިޔާނާތް ހިންގާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރު ސެޕްޓެމްބަރު މަހާއި ހަމައަށްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިސްކަންދަރު ކޮށީގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ މި މައްސަލައިގައި ތިން މީހަކު އުޅޭ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އަދި އިތުރު 15 ވަރަކަށް މުވައްޒަފުންގެ ބައިވެރިވުން މި މައްސަލައިގައި ހިމެނޭ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވަނީ މައުލޫމާތުދީފައެވެ.

މި ތިން މީހުންގެ ތެރެއިން އެކެއްގެ އަމިއްލަ އެކައުންޓަށް 11 މިލިއަން، އަނެއް މީހާގެ އެކައުންޓަށް ދެ މިލިއަން އަދި ތިންވަނަ މީހާގެ އަމިއްލަ އެކައުންޓަށް ތިން މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ވެސް އެދުވަހު ފުލުހުން ވަނީ މައުލޫމާތުދީފައެެވެ.

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި އާރްޑީސީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކް (މޫކޭ)ގެ މައްޗައް ވަނީ އެތައް ފަހަރެއްގެ މަތިން އާރްޑީސީގެ ތިޖޫރީ ފަޅާލި ކަމުގެ ތުހުމަތުގެ ތަކެއް ކުރެެވިފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved