
ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް މަހެއްގެ މައްޗަށް ކުރާ ހޭދަ 66 މިލިއަން ޑޮލަރު އިތުރުވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ހާމަކުރެއްވި މައުލޫމާތުންނެވެ.
އަޙްމަދު ހާމަކުރެއްވި މައުލޫމާތުން ހާމަވެފައިވާ ގޮތުގައި، އެފަދަ ބަދަލެއް އައިސްފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. އެ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް މަހެއްގެ މައްޗަށް ކުރާ ހޭދަ 66 މިލިއަން ޑޮލަރު އިތުރުވެ، ޖުމްލަ 116 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވެއެވެ.
އަޙްމަދު ޢަލީ ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތައް ފެށުމުގެ ކުރިން ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް މަހެއްގެ މައްޗަށް ޚަރަދުވަނީ ގާތްގަނޑަކަށް 50 މިލިޔަން ޑޮލަރު ކަމަށެވެ. ނަމަވެސް، މިހާރު އެ އަދަދު 116 މިލިޔަން ޑޮލަރަށް އުފުލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތެލުގެ ބޭނުން ހުރި މިންވަރަށް އަލިއަޅުވާލައްވަމުން އަޙްމަދު ޢަލީ ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް އެކަނިވެސް ދުވާލަކު 8،000 ފީފާގެ ޑީސަލް ބޭނުންވާ ކަމަށެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 2.9 މިލިޔަން ފީފާގެ ޑީސަލްކަން ފާހަގަކޮށްލެވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދޭއިރު، ބޭރުގެ ހަނގުރާމަތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އިންތިހާއަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމަށެވެ.










