July 14, 2026
Advertisement
އައިކޮމްގެ ވާޖިބަށް ހުރަސް އަޅައިގެން ރައީސް އޮފީސް ޖޫރިމަނާކޮށްފި
އައިކޮމްގެ ވާޖިބަށް ހުރަސް އަޅައިގެން ރައީސް އޮފީސް ޖޫރިމަނާކޮށްފި / އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އައިކޮމްގެ ވާޖިބަށް ހުރަސް އަޅައިގެން ރައީސް އޮފީސް ޖޫރިމަނާކޮށްފި

Jul 13, 2026, 08:40 PM
މާލެ ސިޓީ

 އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއަޅައިގެން ރައީސް އޮފީސް 2،000ރ. އިން ޖޫރިމަނާކޮށްފިއެވެ.

Advertisement

އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ވިދާޅުވީ ރައީސް އޮފީސް ޖޫރިމަނާކުރަން ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް ފޯރުކޮށްދޭން ދޭ މުއްދަތުތަކުގައި ޖަވާބު ފޯރުކޮށްނުދޭތީ ކަމަށެވެ.  

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވަނީ ރައީސް އޮފީހުން ޤާނޫނީ ޒިންމާ އަދާކުރުމުގައި އަމަލުކުރަމުންދާ ގޮތާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަށްވާފައެވެ.

އާހިދު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ފޮނުވާފައިވާ ގިނަ މައްސަލަތަކުގެ ޖަވާބު ފޮނުވާފައިވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށެވެ. މިގޮތުން ރައީސްގެ ދަތުރުފުޅުތަކާ ގުޅޭގޮތުން 28 އޮކްޓޯބަރު 2025 ގައި ހުށަހެޅި އާރްޓީއައިއަކަށް ރައީސް އޮފީހުން ޖަވާބު ދީފައިވަނީ އޭގެ އެތައް މަހެއް ފަހުން، 8 ޖުލައި 2026 ގައެވެ. 

 މެދުފަންތިއާއި ދަށު ފަންތީގެ މީހުން ކޮރަޕްޝަން ހިންގާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވިދާޅުވި ވާހަކަފުޅާ ގުޅިގެން 12 ނޮވެމްބަރު 2025 ގައި ހުށަހެޅި އާރްޓީއައިއަށް ޖަވާބު ދިނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް އެ ޖަވާބު ފުރިހަމަނުވާތީ، 26 އޭޕްރީލް 2026 ގައި ބޭއްވި އަޑުއެހުމުގައި 10 ދުވަހުގެ ތެރޭގައި ޖަވާބު އިސްލާޙުކޮށް ފޮނުވުމަށް އެންގި ނަމަވެސް ރައީސް އޮފީހުން އެ އެންގުމަށް އަމަލުކޮށްފައެއް ނުވެއެވެ.

އެކުއެކީގައި މިއަދު ބޭއްވުނު ފަސް ޝަކުވާގައި އިދާރާއިން އަމަލުކޮށްފައިވާ ގޮތްތަކަށް ބަލާއިރުގައި އިދާރާއިން މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުތަކުގައި ފުރަތަމަ ބައްދަލުވުމުގައި ފޯރުކޮށްދިނުމަށް އެދި ފުރުސަތު ދިނުމަށްފަހު ޖަވާބު ދިނުމަށް އެންގޭ އެންގުމަށް އިދާރާއިން އެއްގޮތަކަށްވެސް އަމަލުކޮށްފައި ނުވާ ނުވުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއެޅުން ކަމުގައި ބެލެވޭފަދަ އަމަލެއް ކަމަށްވެސް އާހިދު ވަނީ ވިދާޅުވެފައެވެ.

އަޑުއެހުމުގައި ރައީސް އޮފީހުން ބުނީ، މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ލަސްވަނީ އައިކޮމްގެ ނިންމުންތައް ލިޔުމުން ނުލިބޭތީ ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން ކޮމިޝަނަރު އާހިދު ވިދާޅުވީ، އަޑުއެހުންތަކުގައި ދެކެވޭ ވާހަކަތައް އާންމު އުސޫލުން ލިޔުމުން ދީފައި ނުވާނެ ކަމަށާއި، ލިޔުމެއް ބޭނުންވާނަމަ އެ ހޯދުމަށް ރައީސް އޮފީހުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

ކޮމިޝަނަރުގެ ވާޖިބަށް ތަކުރާރުކޮށް ހުރަސްއަޅާފައިވާތީ، ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، ޖަވާބު ނުދީ ހުރި ހުރިހާ އާރްޓީއައިތަކަށް ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް އައިކޮމް އިން ވަނީ އަމުރުކޮށްފައެވެ. އަދި މި މުއްދަތުގައި ޖަވާބު ނުދީފިނަމަ، މައްސަލަ ކޯޓަށް ހުށަހަޅައި ދައުވާ ކުރާނެކަމުގެ އިންޒާރުވެސް އައިކޮމްއިން ވަނީ ދީފައެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved