May 25, 2026
Advertisement
-
-

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ލޫކަސް ބަންދުން ދޫކޮށްލައިފި

Aiminath Sarah
އައިމިނަތް ސާރާ
May 24, 2026, 06:55 PM
މާލެ ސިޓީ

މީޑިއާގެ މިނިވަންކަމަށް ގޮވާލައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) ބަންދުން ދޫކޮށްލައިފިއެވެ. ލޫކަސް ހައްޔަރުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު، ޖަލަށްލާފައިވާ ދެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިންނެވެ.

Advertisement

އެ ދުވަހުގެ މުޒާހަރާގެ ތެރެއިން ލޫކަސްއާއެކު އިތުރު ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައެވެ. ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ލޫކަސްގެ ބަންދަށް 10 ދުވަސް އިތުރުކުރިއެވެ. ނަމަވެސް އޭނާއާއެކު ހައްޔަރުކުރި ހަތް މީހަކު ވަގުތުން ދޫކޮށްލިއިރު، ބާކީ ތިބި ދެ މީހުންނަށް ކޯޓުން ދިނީ ފަސް ދުވަހާއި ތިން ދުވަހުގެ ބަންދުގެ މުއްދަތެކެވެ.

މި މުޒާހަރާއަކީ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ޖަލަށްލުމާ ގުޅިގެން ފެށި އިހުތިޖާޖެކެވެ. ލޫކަސް ހައްޔަރުކުރުމާ ގުޅިގެން، އޭނާއާއި އެ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

ނޫސްވެރިޔާ ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ، އެ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓުން ނެރުނު އަމުރެއްގެ ޚަބަރު ގެނެސްދިން ގޮތުންނެވެ. އަދި ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ހުކުމްކުރީ، އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރުމުން ކޯޓުގެ ހުރުމަތް ކެނޑުނު ކަމަށް ބަލައިފައެވެ.

މި މައްސަލައިގައި ހިމެނޭ ނޫސްވެރިންގެ ތެރެއިން ލީވާން އަލީ ނާސިރު ވަނީ މިދިޔަ ހުކުރު ދުވަހު ބަންދުން މިނިވަންވެފައެވެ. ލޫކަސް ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުގެ ކުރިން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved