
ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރި މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނަށް ކުރި 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިންމައި މިއަދު މިނިވަންވެއްޖެ އެވެ.
މިމަހު 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއާ ކުރި ސުވާލު ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ނުވަތަ އަނގަބަންދު އަމުރާ ހިލާފުވީ މައްސަލައިގައި ޝަހުޒާން 15 ދުވަހަށް ޖަލަށް ހުކުމް ކުރީ އޭގެ ޖެހިގެން އައި ދުވަހު، މި މަހު 12ގަ އެވެ.
ކުރިމިނަލް ކޯޓުން ޝަހުޒާން ޖަލަށް ހުކުމް ކުރީ ރައީސްގެ މައްޗަށް ގަޒުފު ކުރި ކަމަށް ބުނާ މައްސަލައިގައި އެ ކޯޓުން ނެރުނު 'އަނގަ ބަންދު ކުރުމުގެ އަމުރު' ނުވަތަ ގެގް އޯޑަރާ އޭނާ ހިލާފުވި ކަމަށް ކަނޑައަޅައި، އެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައިގެންނެވެ. މިކަން ކޯޓުގެ ސަމާލުކަމަށް ގެނައީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ފޮނުވި ސިޓީއަކުންނެވެ.
ކޯޓުން ނިންމީ 15 ދުވަހަށް ޖަލަށް ހުކުމް ކުރުމާއެކު، 25،800ރ.އަށް ޖޫރިމަނާ ކުރުމަށެވެ.
ޝަހުޒާން އެ ހުކުމް ތަންފީޒުކޮށްފައިވަނީ މާފުށި ޖަލުގަ އެވެ. ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންކޮށްފައި ވަނީ، ހުޅުމާލެ ޖަލުންނެވެ. މިނިވަންކުރި ވަގުތު މަރުހާބާ ކިޔުމަށް ޝަހުޒާންގެ އާއިލާ އަދި ނޫސްވެރިން އެ ސަރަހައްދަށް ޖަމާވެ ތިއްބެވެ.
މެއި މަހުގެ 11 ވަނަ ދުވަހު ދެ ނޫސްވެރިއަކު ޖަލަށް ހުކުމްކުރީ އަވަސް އަރުވާލައިގެން ބޭއްވި ސިއްރު އަޑުއެހުމެއްގައި، ގާނޫނީ ގޮތުން ދިފާއުވުމުގެ ހައްގު ނުދީ އެވެ. ވަކީލަކު އައްޔަނު ކުރުމަށް އެ މީހުންނަށް ދިނީ އެންމެ ދެ ގަޑިއިރެވެ.
ހުކުމް އިއްވުމާ އެކު ދެ މީހުން ވެސް މާފުށީ ޖަލަށް ގެންގޮސް ބޭއްވީ އެއް ގޮޅިއެއްގަ އެވެ. ނަމަވެސް ކުއްލިއަކަށް 15 ވަނަ ދުވަހު ލީވާން އެކަހެރިކޮށް، ބޮޑެތި މަރުތަކުގައި ހިމެނޭ މީހުން ތިބޭ ޔުނިޓުގެ ގޮޅިއަކަށް ބަދަލުކުރި އެވެ.




