
ނޫސްވެރިންކަންކޮށްގެން ޖަލަށްލި ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ޖަލުގައި އެކަހެރިކޮށް ރައީސް މުހައްމަދު މުއިއްޒުގެ އޯޑަރަށް އޭނާއަށް ބިރުދެއްކި ކަމަށް ތުހުމަތުކޮށްފިއެވެ.
ޖަލުން ދޫކޮށްލުމުން މީޑިޔާތަކަށް ދިން އިންޓަރވިއުއެއްގައި ޝަހްޒާން ބުނީ، ލީވާން ދެ ގޮޅިއަކަށް ބަދަލުކުރުމަށް ފަހުން ކޮންމެ ރެއަކު ދަންވަރު ގަޑީގައި ޖަލު އޮފިސަރުން ރައީސް މުއިއްޒުގެ އެންގުމަށް އޭނާއަށް ތުރާކޮށް ބިރު ދައްކަން މަސައްކަތްކުރިކަން ވެސް ފާހަގަކޮށްފައެވެ.
އެގޮތުން ކޮންމެ ރެއަކު ޖަލު އޮފިސަރުންގެ ބޮޑެތި ފައުޖުތައް ދަގަނޑު މުގުރާއި، މަރުތޭލާއި، ފުއްކަށި ހިފައިގެން އޭނާ އޮތް ގޮޅިއަށް ވަދެ އޭނާ ނިދަން އޮންނަ އަށްޓާއި ފާރުގެ ތަންތަން ސުންނާފަތި ކުރީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން ކަމަސް ޝަހުޒާން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރައީސް މުހައްމަދު މުއިއްޒަކީ "ސީދާ ހުދުމުހްތާރު ވެރިއެއް"ގެ ގޮތުގައި ސިފަކޮށް ޝަހްޒާން ވަނީ، އޭނާ ހިމެނޭހެން "އަދަދު"ގެ ދެ ނޫސްވެރިން ޖަލަށްލީ ނޫސްވެރިކަމުގައި ތަޅު އެޅުވޭނެ ކަމަށް ހީކޮށް ކަމަށް ނަމަވެސް ނޫސްވެރިކަމުގައި ތަޅު ނޭޅުވޭނެ ކަމަށް ވެސް ބުނެފައެވެ.
މޭ 11 ވަނަ ދުވަހު ދެ ނޫސްވެރިން ޖަލަށް ހުކުމްކުރީ އަވަސް އަރުވާލައިގެން ބޭއްވި ސިއްރު އަޑުއެހުމެއްގައި، ގާނޫނީ ގޮތުން ދިފާއުވުމުގެ ހައްގު ނުދީ އެވެ. ވަކީލަކު އައްޔަނު ކުރުމަށް އެ މީހުންނަށް ދިނީ އެންމެ ދެ ގަޑިއިރެވެ.
ހުކުމް އިއްވުމާ އެކު ދެ މީހުން ވެސް މާފުށީ ޖަލަށް ގެންގޮސް ބޭއްވީ އެއް ގޮޅިއެއްގަ އެވެ. ނަމަވެސް ކުއްލިއަކަށް 15 ވަނަ ދުވަހު ލީވާން އެކަހެރިކޮށް، ބޮޑެތި މަރުތަކުގައި ހިމެނޭ މީހުން ތިބޭ ޔުނިޓުގެ ގޮޅިއަކަށް ބަދަލުކުރި އެވެ.
ޖަލު ހުކުމް ތަންފީޒުކޮށް އަދަދުގެ ދެ ނޫސްވެރިން މިނިވަންވެފައިވާއިރު އަންނަ މަހުގެ ތެރޭގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް ވަނީ ތާވަލުކޮށްފަ އެވެ.









