
ނޫސްވެރިންކަންކޮށްގެން ޖަލަށް ލިޔަސް ފަތަށް ނުޖެއްސޭނޭ ކަމަށާ ވަރުބަލިވާނީ ދައުލަތް ކަމަށް "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބުނެފިއެވެ.
ޝަހުޒާން މިފަދައިން ބުނެފައިވަނީ 15 ދުވަހު ޖަލު ހުކުމެއް ތަންފީޒުކުރުމަށް ފަހު މިނިވަންވެ ނުކުމެ މީޑިޔާތަކަށް ދިން އިންޓަރވިއުއެއްގައެވެ.
ޝަހުޒާން މިިނިވަންވެ ނުކުމެ އެންމެ ފުރަތަމަ ބުނެފައިވަނީ، ރައީސް މުހައްމަދު މުއިއްޒަކީ "ސީދާ ހުދުމުހްތާރު ވެރިއެއް" ކަމަށެވެ. އަދި އޭނާ ހިމެނޭހެން "އަދަދު"ގެ ދެ ނޫސްވެރިން ޖަލަށްލީ ނޫސްވެރިކަމުގައި ތަޅު އެޅުވޭނެ ކަމަށް ހީކޮށް ކަމަށް ނަމަވެސް ނޫސްވެރިކަމުގައި ތަޅު ނޭޅުވޭނެ ކަމަށް ވެސް ޝަހުޒާން ބުނެފައިވެއެވެ.
މީގެ އިތުރުން ޝަހުޒާން ވަނީ އޭނާއާ ލީވާނ ދެ ގޮޅިއަކަށް ބަދަލުކުރުމަށް ފަހުން ކޮންމެ ރެއަކު ދަންވަރު ގަޑީގައި ޖަލު އޮފިސަރުން ރައީސް މުއިއްޒުގެ އެންގުމަށް އޭނާއަށް ތުރާކޮށް ބިރު ދައްކަން މަސައްކަތްކުރިކަން ވެސް ފާހަގަކޮށްފައެވެ.
އެގޮތުން ކޮންމެ ރެއަކު ޖަލު އޮފިސަރުންގެ ބޮޑެތި ފައުޖުތައް ދަގަނޑު މުގުރާއި، މަރުތޭލާއި، ފުއްކަށި ހިފައިގެން އޭނާ އޮތް ގޮޅިއަށް ވަދެ އޭނާ ނިދަން އޮންނަ އަށްޓާއި ފާރުގެ ތަންތަން ސުންނާފަތި ކުރީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން ކަމަސް ޝަހުޒާން ވަނީ ބުނެފައެވެ.
މޭ 11 ވަނަ ދުވަހު ދެ ނޫސްވެރިން ޖަލަށް ހުކުމްކުރީ އަވަސް އަރުވާލައިގެން ބޭއްވި ސިއްރު އަޑުއެހުމެއްގައި، ގާނޫނީ ގޮތުން ދިފާއުވުމުގެ ހައްގު ނުދީ އެވެ. ވަކީލަކު އައްޔަނު ކުރުމަށް އެ މީހުންނަށް ދިނީ އެންމެ ދެ ގަޑިއިރެވެ.
ހުކުމް އިއްވުމާ އެކު ދެ މީހުން ވެސް މާފުށީ ޖަލަށް ގެންގޮސް ބޭއްވީ އެއް ގޮޅިއެއްގަ އެވެ. ނަމަވެސް ކުއްލިއަކަށް 15 ވަނަ ދުވަހު ލީވާން އެކަހެރިކޮށް، ބޮޑެތި މަރުތަކުގައި ހިމެނޭ މީހުން ތިބޭ ޔުނިޓުގެ ގޮޅިއަކަށް ބަދަލުކުރި އެވެ.
ޖަލު ހުކުމް ތަންފީޒުކޮށް އަދަދުގެ ދެ ނޫސްވެރިން މިނިވަންވެފައިވާއިރު އަންނަ މަހުގެ ތެރޭގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް ވަނީ ތާވަލުކޮށްފަ އެވެ.




