July 11, 2026
Advertisement
-
-

ކީރިތި ޤުރްއާނަކީ ހުރިހައި ބާއްޖަވެރިކަމެއްގެ އަސްލު: ހުކުރު ޚުޠުބާ

Aiminath Sarah
އައިމިނަތް ސާރާ
Jul 10, 2026, 01:42 PM
މާލެ ސިޓީ

ކީރިތި ޤުރްއާނަކީ ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު ކަމަށާއި، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.

Advertisement

"ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން" މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދެވުނު ޚުޠުބާގައި ވަނީ، ޤުރްއާން ތިލާވަތުކުރުމުގެ މަތިވެރިކަމާއި އޭގެ ސަބަބުން އިންސާނާއަށް ލިބޭ ދުނިޔަވީ އަދި އާޚިރަވީ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ކީރިތި ޤުރްއާނަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ އަޅުކަމެކެވެ. އަދި އެއީ ބަލިތަކަށް އޮތް ޝިފާއެއްގެ އިތުރުން، ޤިޔާމަތް ދުވަހު އެ ފޮތް ކިޔަވާ މީހާއަށް ޝަފާޢަތްތެރިވާނެ ފޮތެކެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން މިސާލު ދައްކަވަމުން، ޤުރްއާނުގެ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ ޘަވާބު ލިބޭނެކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން، ޤުރްއާން ކިޔަވައި އެ އުނގެނި އުނގަންނައިދޭ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގަންނަވާނެ ކަމަށާއި، އެބައިމީހުންގެ މައްޗަށް މާތް ﷲގެ ރަޙުމަތާއި ހިތްހަމަޖެހުން ފައިބާނެކަން ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ޤުރްއާން ކިޔެވުމަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަސްލުކަން ފާހަގަކުރައްވައި، އިމާމް އިބުނުލް ޤައްޔިމްގެ ބަސްފުޅުތަކުން އެކަމުގެ މުހިންމުކަން ވަނީ ތަފްޞީލުކޮށްދީފައެވެ.

ޚުޠުބާ ނިންމާލަމުން، ޤުރްއާން ކިޔެވުމުގައި ކުޅަދާނަ މީހުންނާއި އުނދަގުލާއެކު ކިޔަވާ މީހުންނަށްވެސް މާތް ﷲގެ ޙަޟުރަތުން ބޮޑުވެގެންވާ ދަރުމަ ލިބޭނެކަން ހަނދާންކޮށްދީ، މާތް ﷲގެ ފޮތަށް ތަޤުވާވެރިވުމަށް އެންމެހައި މުސްލިމުންނަށް ވަނީ ވަޞިއްޔަތްކޮށްފައެވެ. ހުރިހައި ހެޔޮކަމެއް ވަނީ އެ ފޮތުގައި ހިފެހެއްޓުމުގައި ކަމަށާއި، ނުބައިކަމެއް ވަނީ އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުން ކަމަށްވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved