
ރާއްޖޭގެ ސްކޫލްތައް އޭސީ ކުރުމުގެ މަޝްރޫއު އެއްކޮށް ނިމޭނެ ވަކި ތާރީހެއް ދެއްވަން ދަތިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ 217 ސްކޫލްގެ ތެރެއިން މިހާތަނަށް 61 އިންސައްތަ ސްކޫލްތަކުގައި އޭސީ ހަރުކޮށް ނިންމާފައިވާ ކަމަށެވެ. އަދި ބާކީ ހުރި ސްކޫލްތަކަށް ބޭނުންވާ އޭސީތައް ފޮނުވައި ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ ސްކޫލްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެ މަޝްރޫއު ނިމޭނެ ސީދާ ދުވަހެއް ނުވަތަ ތާރީޚެއް ދަންނަވަން ދަތިކަމަށް ވިދާޅުވި ވަޒީރު ވިދާޅުވި 2 ވަނަ ޓާމަށް ސްކޫލުތަކުގެ ކިޔެވުން ފެށެންވާއިރަށް މަސައްކަތް ނިމޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
އެގޮތުން ބައެއް ސްކޫލްތަކަކީ 45 އަހަރަށްވުރެ ދުވަސްވެފައިވާ އިމާރާތްތަކަށް ވުމާއެކު، ކަރަންޓު ވިއުގަ ރަނގަޅުނުކޮށް އެ ތަންތަނުގައި އޭސީ ހަރުކުރެވެން ނެތް ކަމަށެވެ. މި ގޮންޖެހުންތަކާއެކުވެސް، ސަރުކާރުގެ އަމާޒަކީ ދެވަނަ ޓާމު ފެށެންވާއިރަށް ވީހާވެސް ގިނަ ސްކޫލްތަކެއްގެ މަސައްކަތް ނިންމާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޖެނުއަރީ 22، 2025 ގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލެއް އެ އަހަރުގެ ސެޕްޓެމްބަރަށް އޭސީކޮށް ނިންމަވާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއު ފުރަތަމަ ފެށީ ޖޫން 2، 2024 ގަ އެވެ. އެއަށްފަހު، އެ އަހަރުގެ ޖޫން 12 ގައި 55 މިލިއަން ރުފިޔާއަށް ފެނަކައާ ހަވާލުކުރުމަށްފަހު، ނޮވެމްބަރު މަހު ބީލަމަކާ ނުލައި 58.4 މިލިއަން ރުފިޔާއަށް އެސްޓާސްއާ ވަނީ ހަވާލުކޮށްފަ އެވެ.










