

އއ. އުކުޅަސް ސްކޫލުގެ ޕްރިންސިޕަލް ޝަހުލާ އިމާދުއާ ގުޅޭ ގޮތުން އެ ރަށުގެ ބެލެނިވެރިންނާ އަދި މުވައްޒަފުންގެ ވެސް ބޮޑެތި ކަންބޮޑުވުން ހުރި ނަމަވެސް އެކަމާ އެޑިއުކޭޝަން މިނިސްޓްރީއިން ފިޔަވަޅެއް ނާޅާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅިގެން "ތޭރަ އޮންލައިން"އަށް މައުލޫމާތު ދެމުން ބެލެނިވެރިއަކު ހާމަކުރި ގޮތުގައި ޝަހުލާ ގެންދަވަނީ ސެކަންޑަރީ ލެވެލްގެ ދަރިވަރުން އޭނާގެ އޮފީހަށް ހާޒިރުކޮށް ބޭއަދަބީ އިބާރާތްތަކުން އެ ކުދިންނާ މުޚާޠަބުކޮށް "ގްރޫމު" ކުރާ ބީދައިން ދަރިވަރުންނާ ވާހަކަ ދައްކަމުން ކަމަށެވެ. އެގޮތުން މިސް ހިނގާފައި ދާއިރު ދަރިވަރުން މިސްގެ ވަކި ވަކި ގުނަވަންތައް ހާމަވާނެ ކަމަށާ އެ ގުނަވަންތަކުގައި އެ ދަރިވަރުން އަތްލާ ހިތްވާނެ ކަމަށް ބުނެ ދަރިވަރުންނާ ވާހަކަދައްކާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން ޝަހުލާގެ ޕްރިންސިޕަލްކަމުގެ ދަށުގައި އުކުޅަސް ސްކޫލަށް ގެއްލުންވަމުންދާ ކަމަށް ބެލެނިވެރިން ވަނީ ސޯޝަލް މީޑިޔާގައިވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހެޔޮ އެދޭ ފަރާތްތަކުން ދަރިވަރުންނަށް ހަދިޔާކޮށްފައިވާ މުހިއްމު އެތައް ފޮތްތަކެއް ނުބެލެހެއްޓި ހަލާކުވެ ނެތިގެން ދާއިރުވެސް އެކަންކަމަށް ހައްލު ހޯދަން މަސައްކަތްކޮށްފައި ނުވާތީ ބެލެނިވެރިން އެ ޕޯސްޓުތަކުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މީގެ އިތުރުން ޝަހުލާގެ ޕްރިންސިލްޕަލް ކަމުގެ ދަށުން އުކުޅަސް ސްކޫލު ހިންގަމުން ދަނިކޮށް އެ ރަށު ކައުންސިލުން އެ ރަށު ސްކޫލުތަކުގެ ކްލާސް ރޫމުތައް އޭސީ ކުރުމަށް ހަދިޔާކުރި އެއާކޮންޑިޝަންތައް ވެސް ކްލާސް ރޫމުތަކުގައި ހަރުކުރުމުގެ ބަދަލުގައި އޭނާގެ އަމިއްލަ ކެބިންގައާ ސްކޫލުގެ އެހެން ޑިޕާޓުމަންޓުތަކުގައި ހަރުކޮށްފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާ ގުޅިގެން ބެލެނިވެރިން ސުވާލުކުރުމުން ވެސް އެއްވެސް ޖަވާބެއް ޝަހުލާގެ ފަރާތުންވެސް އަދި ސްކޫލުގެ ފަރާތުންވެސް ދީފައިނުވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ހަމަ އެހެންމެ ޝަހުލާއާ މެދު ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާ އެކު އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް މިކަން ސަމާލުކަން ގެނައުމަށް އެތައް ފަހަރަކު މަސައްކަތްކުރި ނަމަވެސް މިނިސްޓްރީގެ އެއްބާރުލުން މިކަމުގައި ނުލިބޭ ކަމަށް ބެލެނިވެރިޔާ މައުލޫމާތުދީފައިވެއެވެ.
އެގޮތުން ޝަހުލާއަކީ އޭނާގެ ބޭއަދަބީ ފޮޓޯތަކެއްވެސް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މީހަކަށްވެފައި އެއީ ދަރިވަރުންނަށް ނަމޫނާއަކަށް ހުންނަ ހެދި ބޮޑުވަމުން އަންނަ އެ ކުދިންގެ ދެވަނަ މަންމައެއްގެ ފަރާތުން ފެނިގެން ވާނެ ކަންކަން ނޫން ކަމަށްވާތީ އެކަންވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ކަމަށާ ނަމަވެސް އެކަމާ މެދު އޭނާ އާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ވެއެވެ.
ބެލެނިވެރިންގެ ފަރާތުން މިކަންކަން ހައްލުކުރަން މަސައްކަތްކުރުމުން ޝަހުލާގެ ފިރިމީހާ ވަނީ ބެލެނިވެރިންނަށް އިންޒާރުދީފައި ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
ސްކޫލެއްގެ ޕްރިންސިޕަލަކަށް ހުރި މީހަކާމެދު މި ފަދަ ބޮޑެތި ކަންބޮޑުވުން އެ ސްކޫލުގެ ބެލެނިވެރިންގެ ހުރުމުން އެކަމާ މެދު އެޑިއުކޭޝަންއިން އެއްވެސް ފިޔަވަޅެއް ނާޅަނީ ކީއްވެތޯ ސާފުކޮށްލުމަށް އެޑިއުކޭޝަން މިނިސްޓަރަށް މެސެޖުކޮށްލުމުން ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހުލާއަކީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޝަރުތުވެސް ހަމަނުވަނީސް އުކުޅަހު ސްކޫލުގެ ޕްރިންސިޕަލަށް އައްޔަންކުރި މީހެކެވެ. އަދި ސްކޫލު ޕްރިންސިޕަލަށް އައްޔަންކުރި ކަމަށް އޭރުގެ ސަރުކާރުން ސްކޫލަށް އަންގާފައިވަނީ ވެސް ސްޓިކީ ނޯޓު ގަނޑުކޮޅެއްގައި ލިޔެފައިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ޝަހުލާ އެ ގަނޑުކޮޅު ހިފައިގެން ދިޔައިރުވެސް އޭނާއަކީ ޕްރިންސިޕަލްގެ މަގާމަށް ޝަރުތު ހަމަނުވާ މީހަކަށްވުމުން އޭނާ ސްކޫލު ހިންގަމުން ދިޔައީ ޓީޗަރެއްގެ މަގާމުގައި ހުރެގެން ކަމާ އަދި އޭނާ ޕްރިންސިޕަލް ކަމަށް ޝަރުތު ހަމަވާން ބޭނުންވާ ސްޓްފިކެޓުތައް ހަމަވަންދެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް އުކުޅަހު ސްކޫލުގެ ޕްރިންސިޕަލްކަމުގެ ޕޯސްޓު ހުހަށް ބާއްވާފައި އޮތްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން 2020 އިން ފެށިގެން 2022 އާ ހަމައަށް ޝަހުލާއަށް މާސްޓާސް ޑިގްރީ ލިބެންދެން އުކުޅަހު ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމު އޮތީ އޭނާއަށް ފެހި ކޯޓެއްގެ ގޮތުގައި ބާއްވާފައިކަމަށް ވެއެވެ.
ޝަހުލާ އިމާދުއާ ގުޅިގެން ސްކޫލުގެ ޓިޗަރުންގެ ކަންބޮޑުވުން ހިއްސާކޮށް ޕެޓިޝަނެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ވެސް މި ނޫހަށް މައުލޫމާތު ލިބިފައިވެއެވެ. ޕެޓިޝަން ޖެނުއަރީ މަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އަދިވެސް މިނިސްޓްރީގެ ބަހެއް އެކަމުގައި ލިބިފައިނުވާކަމަށްވެސް ވެއެވެ.
ހަމައެހެންމެ އުކުޅަހު ސްކޫލުގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ އިސްވެރިންނާ ވެސް ބައްދަލުކޮށް މަޝްވަރާކުރުމަށް ފަހު އެކަމުގައިވެސް ކުރިއެރުމެއް ނުލިބުމުން އުކުޅަހުގެ ޕީއެންސީގެ ސްޓްއަރިން ކޮމިޓީގެ ރައީސަށް ވެސް އެ ބެލެނިވެރިން ވަނީ ސިޓީ ފޮނުވާފައެވެ. ނަމަވެސް އެއްވެސް ޖަވާބެއް އަދި ކުރިއެރުމެއް ލިބިފައިނުވެއެވެ.
ބެލެނިވެރިން ހާމަކުރާ ގޮތުގައި ޝަހުލާ އާ ޝަހުލާގެ ފިރިމީހާގެ އިންޒާރުތަކާ އެކު ސްކޫލުގެ ޓީޗަރުންވެސް ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާ އެކަމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް އަދި ކިޔަވައިދިނުމަށްވެސް އަސަރުތަކެއް ކުރުން އޮތީ ދުރުގައި ނޫން ކަމަށެވެ.