July 8, 2026
Advertisement
މޭޔަރ އާތިފު އެލްޖީއޭއަށް: ބިރު ދައްކާ ފަހަތަށް ނުޖެއްސޭނެ
މޭޔަރ އާތިފު އެލްޖީއޭއަށް: ބިރު ދައްކާ ފަހަތަށް ނުޖެއްސޭނެ / ތޭރަގްރެފިކްސް

މޭޔަރ އާތިފު އެލްޖީއޭއަށް: ބިރު ދައްކާ ފަހަތަށް ނުޖެއްސޭނެ

Jul 7, 2026, 08:38 PM
މާލެ ސިޓީ

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ހަދަން އުޅޭ ބޯޑު ހެދުމުގެ މަސައްކަތް ހުއްޓާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީއިން އެންގުމުން ކުޅުދުއްފުށި ސިޓީގެ މޭޔަރު އަހުމަދު އާތިފު ކަންބޮޑުވުމާ ނުރުހުން ފާޅުރައްވައިފިއެވެ.

Advertisement

އަތޮޅުގެ ރަށްތަކުން ގުޅިގެން އެކުގައި ތަރައްގީއަށް މަސައްކަތް ކުރުމުގެ ނިޔަތުގައި ބޯޑެއް ހަދަން މިދިޔަ ބުރާސްފަތި ދުވަހު ނިންމުމާ ގުޅިގެން އެލްޖީއޭއިން އަންގާރަ ދުވަހު ވަނީ ސިޓީއެއް ފޮނުވާފައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި އެލްޖީއޭއިން ބުނެފައި ވަނީ ސަރުކާރުން އަތޮޅު އޮފީސްތައް އުވާލުމުން، އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އެލްޖީއޭގެ ޒިންމާއެއް ކަމަށެވެ. އަދި ވަކި ބޯޑެއް ހަދައިގެން މަސައްކަތް ކުރުމުގެ ބާރު ކައުންސިލްތަކަށް ނުލިބޭ ކަމަށް ވެސް އެލްޖީއޭއިން ބުނެފައިވެއެވެ.

ހަމައެހެންމެ ކުޅުުއްފުށި ސިޓީ ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެ އޮތޯރިޓީ އިން ނުދެކޭ ކަމަށް ވެސް ސިޓިގައި ބަޔާން ކޮށްފައިވެއެވެ. އަދި ކައުންސިލްތަކުގެ މައްޗަށް އެކުލެވޭ ވަކި ބޯޑެއް އަތޮޅެއްގައި ގާއިމްކޮށްގެން މަސައްކަތް ކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ މަހްފޫމަށް ފުށުއަރާ ކަމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އެލްޖީއޭއިން އަމުރުކޮށްފައި ވަނީ ބޯޑު ހެދުމުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށެވެ. އަދި ބޯޑު ހަދަން ނިންމި ސަބަބު ބަޔާންކޮށްދިނުމަށް ވެސް އެލްޖީއޭއިން އަންގާފައިވެއެވެ.

މިކަމާ ގުޅިގެން މޭޔަރު އާތިފު ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެ ދަރަޖަޔަށް އެލްޖީއޭ ވެއްޓޭނެ ކަމަށް ދުވަހަކުވެސް ހީނުކުރައްވާ ކަމަށެވެ. އެލްޖީއޭ ގެ ޤާނޫނީ ޒިންމާއާއި ބާރުތައް އެނގި ނުލައްވަނީތޯ އައްސަވާ އާތިފުވަނީ އެބޭފުޅުން އުޅެނީ އަތޮޅު ކައުންސިލުން ނުވަތަ އެލްޖީއޭ އިން ދޭ ހިދުމަތްތަކެއް ދޭން ނޫން ކަމަށާ އެ ބޭފުޅުން އުޅެނީ ހދ އަތޮޅުގެ ރަށްތައް ގުޅިގެން އެ އަތޮޅުގެ ތަރައްޤީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނޭ މަސައްކަތްތައް ބަލާ، އެކަންކަމުން ނަތީޖާއެއް ހޯދުމަށް ކަމަށް ވެސް އާތިފު ވިދާޅުވެފައިވެއެވެ.

އެކަމުން ފައިދާވާނީ ހަމަ މުޅި ދިވެހި ޤައުމަށާއި ރައްޔިތުންނަށްކަން ފާހަގަކުރައްވާ މޭޔަރު އާތިފު ވަނީ އެކަން ހުއްޓާލުމަށް އެލްޖީއޭ އިން އަންގާއިރު އެލްޖީއޭ އިން ކައުންސިލްތަކުގެ ޕާފޯމެންސް ވަޒަންކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަަޅުއްވާ މާކުސް ދޭގޮތަށް އޮންނަ ކަން ފާހަގަކުރައްވާފައެވެ.  އެ ސިޓީގައި އެ ދަންނަވަނީ އެބޭފުޅުންގެ އަމިއްލަ އުސޫލުތަކާއިވެސް ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ އާތިފު ވަނީ އެލްޖީއޭއިން ދައްކަނީ ބިރު ކަމަށާ ދައްކާ ބިރަކަށް ފަހަތަކަށް ނުޖެއްސޭނެ ކަމަށް ވިދާޅުވެފައެވެ. މި ސަރަހައްދުގެ ރައްޔިތުންގެ ހަައްޤުގައި އެ ކައުންސިލުން ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށްވެސް އާތިފު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved