
އެމްޕީއެލްއިން އާންމުކޮށްފައިވާ މިދިޔަ ޖޫން މަހުގެ އެއާ ކާގޯ އެކްސްޕޯޓްގެ ތަފާސްހިސާބުތަކާއި އެއާލައިންތަކުގެ ރެކޯޑުތަކާ ދިމާނުވާ ކަމަށް، ރާއްޖޭގެ އެއާލަިއން ދާއިރާގައި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
"ސީ ޓު އެއާ ކާގޯ" ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ރާއްޖެއިން ބޭރުކޮށްފައި ވަނީ 335 މެޓްރިކް ޓަނުގެ މުދަލެވެ. މި މުދާ އުފުލާފައިވަނީ ގަތަރު އެއާވޭސް، ޓާކިޝް އެއާލައިންސް، އެމިރޭޓްސް އަދި ސައުދިއާ ފަދަ އެއާލައިންތަކުން އިޓަލީ، އެމެރިކާ، ޖަރުމަނު އަދި ފްރާންސް ފަދަ މަންޒިލްތަކަށް ކަމަށް ވެއެވެ.
އެ އަދަދުތައް ދޮގުކުރައްވާ ފިރާގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި އެންމެ އެއާލައިނަކުން ބޭރުކުރި އަދަދު އެކަނި ވެސް 398 ޓަނަށް އަރާއިރު، ރާއްޖޭގައި ހަރަކާތްތެރިވާ އެހެން ހުރިހާ ފްރެއިޓް ފޯވާޑަރުންނާއި އެއާލައިންތަކުގެ ޖުމްލަ އެކްސްޕޯޓް އެއްކޮށްލުމުން ސަރުކާރުގެ އަދަދަށް ވުރެ މާ މަތިވާނެއެވެ.
ކާގޯ ދާއިރާގެ އިތުބާރު ހުރި މަސްދަރުތަކުން ލަފާކުރާ ގޮތުގައި ހަގީގީ އެކްސްޕޯޓްގެ މިންވަރު މަދުވެގެން 600 އާއި 700 ޓަނާ ދެމެދުގެ އަދަދަކަށް އަރާނެއެވެ. އެހެންކަމުން އަދަދުތައް އޮޅުވާލާ، ހެންޑްލިން ފީއަށް މަކަރު ހެދުމުގެ ދޮރު ހުޅުވީ ކަމަށް ތުހުމަތުތައް އަމާޒުކޮށްފައިވެއެވެ.
ކަން މިހެން ހުރިއިރު، އެއާޕޯޓުން ހަގީގަތުގައި ބޭރުވި މުދަލުގެ ސައްހަ އަދަދު ކަށަވަރުކުރުމަށްޓަކައި، އާންމުކޮށްފައިވާ ތަފާސްހިސާބުތައް މުރާޖައާކޮށް ވެރިފައި ކުރުމަށް ފިރާގު ވަނީ ގޮވާލައްވާފައެވެ. އަދި ރާއްޖޭގެ އެކްސްޕޯޓް ދާއިރާ ކުރިއަރުވަން ބޭނުންނަމަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އަގުތައް ބައިނަލްއަގުވާމީ ބާޒާރުގައި ވާދަވެރި ފެންވަރެއްގައި ހިފަހައްޓަން ޖެހޭނެ ކަމަށް ފިރާގު ވިދާޅުވިއެވެ.
މީގެ އިތުރުން، މިވަގުތު ރާއްޖެއަށް މައިގަނޑު ގޮތެއްގައި ފައިދާ ލިބެމުންދަނީ މި ސަރަހައްދުގެ އެހެން ގައުމުތަކުގެ އޯވަފްލޯ ޓްރެފިކްގެ ސަބަބުން ކަމަށާއި، ވާދަވެރި އެހެން މަންޒިލްތަކުން ދަނީ އެ ގައުމުތަކުގެ ހެންޑްލިން ކެޕޭސިޓީ ފުޅާކޮށް، ހިދުމަތްތައް ހަރުދަނާ ކުރަމުން ކަންވެސް ފާހަގަކޮށް ފިރާގު ވަނީ، ހުރިހާ މަސްލަހަތުވެރިން ސީރިއަސްކޮށް މަޝްވަރާކުރަންޖެހޭ މައްސަލައެއް ކަމަށާއި ރާއްޖޭގެ މަގާމު ހަރުދަނާކޮށް، އެކްސްޕޯޓް ދާއިރާގެ ފުރިހަމަ ފުރުސަތު ހުޅުވާލުމަށްޓަކައި، ދިގުމުއްދަތުގެ ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.










