މާލޭ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތުގެ ދަށުން އިއްޔެ އެކަނި ވެސް 30.4 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ އާއި ރޭ މާލޭ މަގުމަތިން 350 ކިލޯގެ 14 ޕިކަޕުގެ ކުނި އަދި 1.5 ޓަނުގެ ހަތް ޕިކަޕު ކުނި ނަގާފައިވާ ކަމަށެވެ.
އަދި ދެ ޓަނުގެ ތިން ޕިކަޕު ކުންޏާއި ތިން ޓަނުގެ ތިން ޕިކަޕު ހިމެނޭހެން ޖުމްލަ 30.4 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި މިހާރު ގިނަވެފައިވާ ކުންޏަކީ ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކެވެ.
އޭގެ ސަބަބުން ޕާކިން އޭރިޔާތަކާއި ދުވާރުމަތި އަދި ބައެއް ސަރަހައްދުތަކުގެ ކަންމަތިތައް ވެސް ނުހިނގޭ ވަރަށް ފުރިފައި އޮތެވެ. ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ ޖާގަ ނުލިބި ހިނގާ ބިނގާ އުޅޭ މީހުންނަށް ކުންޏާ ހެދި ދަތި އުދަނގޫތައް ވަނީ ކުރިމަތިވެފައެވެ.
މާލޭގެ މަގުތައް ސާފުކުރުމަށް ފުލުހުންނާއި ވެމްކޯ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ގިނަ ސަރަހައްދުތައް ވަނީ ކުނި ނަގާ ސާފުކޮށްފައެވެ.
އެ ކައުންސިލުން ދަނީ މަގުމައްޗަށް ކުނިއަޅާ މީހުން ބަލައި ޖޫރިމަނާވެސް ކުރަމުންނެވެ. އެގޮތުން މިމަހު 14 ވަނަ ދުވަހު ކައުންސިލުން ވަނީ މަގުމައްޗަށް ކުނި އެޅި މީހަކު ހޯދައި އެމީހާ ލައްވައި ކުނި ނަގުވައިފައެވެ.