July 21, 2026
Advertisement
-
- / ތޭރަ އޮންލައިން

ސުޕްރީމް ކޯޓުގެ ނިންމުން ނުރައްކާ: މެންބަރުން ޕާޓީގެ "މަސްލަހަތުގައި" ބަންދުވެއްޖެ: ރައީސް ޔާމީން

Aiminath Sarah
އައިމިނަތް ސާރާ
Jul 10, 2026, 02:06 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ދަމަހައްޓަން ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލަށް އޮތް ބިރުވެރި ނިންމުމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިދިޔަ އޭޕްރީލް 29 ގައި ސުޕްރީމް ކޯޓުން ނިންމި އެ ނިންމުމާ އެމަނިކުފާނު އެއްގޮތަކަށްވެސް އެއްބަސްވެވަޑައިނުގަންނަވާ ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، މިއީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީގައި މެންބަރުންނަށް މަތިކޮށްފައިވަނީ ގައުމީ މަސްލަހަތާއި ގާނޫނުގެ ސިޔާދަތު ނެގެހެއްޓުމުގެ ޒިންމާއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން، މެންބަރުންގެ އިސް ވާޖިބަކީ އާންމު ރައްޔިތުންގެ މަސްލަހަތުގެ ބަދަލުގައި އެމީހަކު ނިސްބަތްވާ ޕާޓީގެ މަސްލަހަތު ހިމާޔަތްކުރުން ކަމަށް ބަދަލުވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން މި ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެމީހާ ނިސްބަތްވާ ޕާޓީގެ މަސްލަހަތު ހިމާޔަތް ކުރަންޖެހޭ މީހެއް ކަމަށް. އެހެންވީމާ ސަރުކާރު ޒިންމާދާރު ކުރުވުމުގައި މަޖިލީހުގެ ދައުރެއް ދެން ނޯންނާނެ،" ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު މި ނިންމުމުގެ ސަބަބުން ހަނިވެގެންދާނެކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވިއެވެ.

މި އިސްލާހަކީ ރައީސް މުއިއްޒުގެ ސަރުކާރަށް މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ދެމެހެއްޓުމަށްޓަކައި 2024 ނޮވެމްބަރުގައި ގެނައި ބަދަލެކެވެ. މި މައްސަލަ ބާތިލްކުރަން ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަލީ ހުސައިންނެވެ.

މި މައްސަލައިގެ ހުކުމް އިއްވިއިރު، ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ތަފާތު ރައުޔެއް ނެރުއްވީ ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދު އެކަންޏެވެ. ފަނޑިޔާރު ސުޖޫންގެ ރައުޔުގައި ވަނީ، މިއީ މެންބަރުން އިންތިހާބުވީއިރު ނެތް ޝަރުތެއް ފަހުން އިތުރުކުރުން ކަމަށާއި، މިއީ "ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލުކުރުން" ފަދަ އުސޫލާ ހިލާފު ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި މައްސަލަ ކޯޓުގައި ހިނގަމުންދިޔަ ދުވަސްވަރު ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު ވަދެ، ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ހުކުމް އިއްވީ މި ސަރުކާރުން އަލަށް އައްޔަންކުރި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved