
ރާއްޖޭގެ އާސަންދަ ނިޒާމު ބޮއްސުންލައި، އާންމު ރައްޔިތުން ބޭސްފަރުވާއަށް އެންމެ ބޮޑަށް ބަރޯސާވާ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން އާސަންދަ ކަނޑާލުމުގެ ސަބަބުން ދިވެހި ރައްޔިތުން އިންތިހާއަށް ނިކަމެތިވެފައިވާ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ކިޔަވައިގެން ތިބި ގާބިލް މީހުން ތިބި ނަމަވެސް، ރާއްޖޭގެ ޑިމޮކްރަސީ އޮތީ ވަރަށް ޅަފަތުގައި ކަމަށެވެ. އަދި މިހާރު ރާއްޖޭގެ އާސަންދަ ބަޖެޓު ހުސްވެ، ބޭސްފަރުވާއަށް ސަލާންޖަހަން ޖެހިފައިވާއިރު، މިއީ އެންމެ ނިކަމެތި މީހާއާއި މުއްސަނދި މީހާވެސް އިންތިހާއަށް ބޭނުންވާނެ ޚިދުމަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް ދިވެހި ސަރުކާރުން 5 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހިފައި އެބައޮތެވެ. އެ ދަރަނި ނުދެއްކުމުގެ ސަބަބުން އެ ހޮސްޕިޓަލުން މިހާރު ވަނީ އާސަންދަ ކަނޑާލާފައެވެ. "އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަމްރިތާ ހޮސްޕިޓަލުގެ ސީނިއަރ ވަފުދެއް ރާއްޖެ އައި ދައުލަތާ ވާހަކަދައްކަން. އެކަމަކު ދައުލަތުގެ މަސްއޫލު އެކަކުވެސް އެ ބޭފުޅުންނާ ބައްދަލެއް ނުކުރި. ދިވެހި ރުފިޔާއިން ވިޔަސް އެ ދަރަނި ދައްކައިގެން މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތެއް ނުކުރި" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުގެ މިނިވަން މުއައްސަސާތައް ހުރީ ވެރިމީހާގެ މުށުތެރޭގައި ކަމަށް ވިދާޅުވެ އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަން ފާހަގަކުރައްވައި، ރައްޔިތުން ނިކަމެތިވެ ހައްގުތައް ގެއްލިގެންދާއިރު އެ މުއައްސަސާތަކުން ބަސް ބުނަން ނުކެރޭ ކަމަށް ވިދާޅުވިއެވެ. އަދި ކޯޓުތަކަށް ޚަބީރުންގެ ގޮތުގައި ހާޒިރުވާންޖެހޭ މައްސަލަތަކުގައިވެސް ކޮމިޝަންތަކުން ހާޒިރުނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޚަރަދު ކުޑަކުރަންށޭ ކިޔާފަ މިނިވަން ދުވަހުގެ ޖަލްސާވެސް ނުބާއްވާ ކަމަށް މި ބުނަނީ. މިވަރުން ދެން ބަޖެޓް ސަޕްލަސް ވެގެން ހިނގައިދާނެތާ" މަޖާޒީ ގޮތަކަށް ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަމްރިތާ ހޮސްޕިޓަލުން ޚިދުމަތް ކަނޑާލުމުން ގެއްލުންވަނީ ހަމައެކަނި ނިކަމެތި ރައްޔިތުންނަށް ކަމަށެވެ. ސަބަބަކީ ރާއްޖޭގެ "ބޮޑުން" ބޭސްފަރުވާއަށް ދަނީ ސިންގަޕޫރާއި ބެންކޮކަށް ކަމަށްވާތީ، އާންމު ރައްޔިތުންގެ އިހުސާސްތައް ސަރުކާރަށް ނޭނގޭ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.










