ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން މެންބަރުކަން ގެއްލޭ ގޮތަށް ހެދުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ބަލައިގެނެ، އެ ބިލުގެ މަސައްކަތް އަވަަސްކުރަން ވަގުތީ ކޮމިޓީއަކަށް ފޮނުވައިފިއެވެ/
ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ މިދިޔަ މަހު ފަހުކޮޅު ހުށަހެޅުއްވި އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި، އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާގައި ވަނީ ބިލަށް ވޯޓަށް އަހައިފައެވެ.
އެގޮތުން އެ ބިލު ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއް ނުވެއެވެ.
އިބްތިދާއީ ބަހުސްގައި ފުނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ޝާހިދު ހުށަހަޅުއްވާފައި ވަނީ، ބިލުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް ފޮނުވުމުގެ ބަދަލުގައި ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށެވެ.
އެގޮތުން އެ ހުށަހެޅުން ފާސްވީ 29 މެންބަރުންގެ ތާއީދާއެކުއެވެ. އެ ވަގުތު ތަޅުމުގައި ހާޒިރުވެ ތިބި ސަރުކާރު ތަމްސީލުކުރާ ޕާޓީ، ޕީއެންސީގެ ހަ މެންބަރުން ވޯޓު ދެއްވީ ވަގުތީ ކޮމިޓީއަކަށް ފޮނުވުމާ ދެކޮޅަށެވެ.
ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމުގައި މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުނުއިރު، ޑިމޮކްރެޓްސްގެ މެންބަރުން ބޭނުންވީ ހުރިހާ ޕާޓީއެއް ހިމެނޭ ގޮތަށް ކޮމިޓީ އެކުލަވާލުމަށެވެ. ނަމަވެސް ޕީއެންސީން ވަގުތީ ކޮމިޓީއަކަށް ފޮނުވައިގެން އެ މަސައްކަތުގައި ބައިވެރިވުމަށް ބޭނުން ނުވުމުން، ހުރިހާ ޕާޓީއެއް ހިމަނައިގެން ކޮމިޓީ އެކުލަވާލެވޭ ގޮތެއް ނުވިއެވެ.
އެންމެ ފަހުން ފާސްވީ، އެމްޑީޕީގެ ހަތް މެންބަރުން ހިމަނައިގެން ކޮމިޓީ އެކުލަވާލުމަށެވެ. އެ ކޮމިޓީގައި ތިއްބަވަނީ:
1-
ބިލު ހުށަހެޅުއްވި މެންބަރު އަހްމަދު އަބްދުﷲ
2-
ފުނަދޫ މެންބަރު އަހްމަދު ޝާހިދު
3-
މަނަދޫ ދާއިރާ މެންބަރު އަހްމަދު ހާރޫން
4-
ކެލާ ދާއިރާ މެންބަރު އިބްރާހިމް ޝަރީފް
5-
ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ
6-
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
7-
ދާންދޫ ދާއިރާ މެންބަރު އަބްދުﷲ ޔައުގޫބު އެވެ.