ކެޕިޓަލް ހަރަދުތައް ކުޑަކުރުމުގެ އަސަރު އިގުތިޞާދީ ކުރިއެރުމަށް ކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެއްޖެއެވެ.
އިމާދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައިއެވެ.
އެގޮތުން އޭނާ ވިދާޅުވީ ރިކަރަންޓު ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ކެޕިޓަލް ހަރަދުތައް ކުޑަކުރުމުން އޭގެ ނުރަނގަޅު އަސަރު އިގުތިޞާދީ ކުރިއެރުމަށް ނުކުރާނެތޯ އައްސަވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ސުވާލު އަމާޒުކުރެއްވުމުންނެވެ.
ކުރީ ސަރުކާރާ ޚިލާފަށް ހަރަދުތައް ކުޑަކުރުމާ ގުޅިގެން ބޮޑު އަދަދެއް ފައިނޭންސް ނުކޮށާއި ފައިސާ ޗާޕު ނުކޮށް ދައުލަތުގެ ހަރަދުތައް ހަމަޖައްސަމުންދާ ކަން ފާހަގަވާ ކަމަށެވެ.
އިމާދު ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، ހަރަދުތައް ކުޑަކުރަން އިތުރު ހަރުކަށި ފިޔަވަޅުތައް ނާޅައި މުޅި އިގުތިޞާދުގެ ކަންކަން މެނޭޖުކުރަން ދަތިވާނެ ކަމަށް ވިދާޅުވެ އަދިވެސް އިތުރަށް ހަރަދުތައް ކުޑަކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް އިލްތިމާސްކުރައްވާފަ އެވެ.
ބަޖެޓަށް މި ވަގުތަށް ހުރި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރި ބޭރު ފައިސާގެ ދަތިކަމެވެ.