ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކޮރަޕްޝަން މައްސަލައިގައި އެމްޑީޕީގެ ޗެއާރ ޕާސަން ފައްޔާޒް އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
އާރުޑީސީގެ މައްސަލައިގެ ތަހުގީގަށް ފައްޔާޒާއި އޭނާގެ ގާނޫނީ ޓީމް ހާޒިރުވީ ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށެވެ.
އެ ސަރަހައްދުގައި އެމްޑީޕީގެ ލީޑަޝިޕާ އެމްޑީޕީގެ ގިނަގުނަ ސަޕޯޓަރުން ވަނީ އެއްވެފައެވެ.
އެމްޑީޕީން ފޭސްބުކްގައި ކުރި ލައިވް ގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ މިއީ ހެރޭސްމެންޓެއް ކަމަށެވެ.
ތުހުމަތުތަކެއް އޭނާގެ ބޮލުގައި އަޅުވައިގެން އިންތިޚާބާ ދިމާކޮށް ކުރާ ކަމެއް ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން މަސައްކަތް ކުރަަނީ އެމްޑީޕީގެ ލީޑާޝިޕަށް ބިރު ދައްކައިގެން އާންމު ރައްޔިތުން ބިރުވެރިކަމަކަށް ވައްޓާލުމަށް ކަމަށް ފައްޔާޒު ވަނީ އިތުރަށް ވިދާޅުވެފައެވެ.
އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫންކަމަށާ އޭނާއަށް ތުހުމަތެއް ކުރެވިދާނޭ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ބުނާ ކަމަށް ވެސް ފައްޔާޒު އެކްސްގައި ވަނީ ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވުމުން ހާމަކޮށްފައެވެ.
މީގެ އިތުރުން ފައްޔާޒު ހާމަކޮށްފައިވާ ގޮތުގައި އެ ތަހުގީގަކީ ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގެއް ކަމަށާ އެހެން އެކަން ވިޔަސް އެ ތަހުގީގަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
އަދި މިއީ ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުމުގެ ގޮތުގައި ސިފަކޮށް ފައްޔާޒުވަނީ އެކަން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލާފައެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރާކަން އާންމުކުރީ، މި މަހު 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިއީ އެ އިދާރާއިން 2022އިން ފެށިގެން ބަލަމުން އަންނަ މައްސަލައެއްކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބަލަމުން އަންނަނީ އާރުޑީސީގެ އެކައުންޓުގައި ހުރި ފައިސާ، އެތަނުގެ ސީނިއާ މަގާމެއްގައި ހުރި މުވައްޒަފައެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން، އެ ފައިސާ އެކި މީހުންނަށާއި ކުންފުނިތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައެކެވެ.