ކުރިޔަށް އޮތް 20 ވަނަ މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖިންގް ޑިރެކްޓާރ މޫސާ އަލީ މަނިކް (މޫކޭ) ކެމްޕެއިންގައި އުޅުއްވަނީ އޭރު އާރްޑީސީ ތެރެއިން ވައްކަން ކޮށްގެން ހޯދި ފައިސާގެ އެހީގައި ކަމަށް ގިނަ ބަޔަކު ބުނާތީ އަޑުއިވެއެވެ.
ޕޯޑިއަމްތަކަަށް އަރައި ލައްކަ ވާހަކަ މޫކޭ ދައްކާ އިރު މޫކޭ ކޮށްލީ އާދައިގެ ވައްކަމެއް ނޫނެވެ. މި ވައްކަމުގެ ވާހަަކަ ދައްކާ ދައްކާވެސް ނުނިމޭނެއެވެ.
އާރުޑީސީގެ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފެންމަތިވެ، އެންމެ ފުރަތަމަ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގެ ތެރެއިންނެވެ.
ތުހުމަތުކުރެވޭ ފަރާތްތައް ގިނަ ނަމަވެސް، ހާއްސަ ފަރާތަކަށް ތުހުމަތު އަމާޒުވެފައި ވަނީ މޫކޭއަށެވެ. އަދި އެ ކުންފުނީގެ ޖެނެރަލް މެނޭޖާރ ޝުހާދަށެވެ.
އެއްލައްކަ ރުފިޔާގެ ކޮރަޕްޝަނެއް ފެންމަތިވެގެން ދިޔައިރު އެ ފައިސާ ބޭނުންކޮށްފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް ލ.އަތޮޅަށް ކުރި ދަތުރަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ނަމަވެސް މި މައްސަލަވެސް 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ވަނީ ވަޅުގަނޑެއް ކޮނެ ފަސް އަޅާފައެވެ.
2023 ވަނަ އަހަރު ޖުލައި މަހުގެ 5 ވަނަ ދުވަހު، ދެން އިވިގެންދިޔައީ 13.8 މިލިއަން ރުފިޔާ އެ ކުންފުނީގެ ވެރިންތަކެއްގެ އެކައުންޓަށް ބަހާލައިގެން އުޅުނު ވާހަކައެވެ.
ވެރިންނޭ މިބުނީ، ހަމަ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓާރ މޫސާ އަލީ މަނިކް(މޫކޭ) އަދި އޭނާގެ ޅިޔަނު ޗީފް ފިނޭންޝަލް އޮފިސަރ (ސީއެފްއޯ) ޔާސިރަށެވެ.
މި ކޮރަޕްޝަންގެ އިތުރުން ވެސް އާރުޑީސީގެ ތިޖޫރި 3 ފަހަރު މަތިން ފަޅާލާ އޭގައި ހުރި ފައިސާ ވަނީ ވަގަށް ނަގާއި ހަވަޔަށް ގެއްލުވާލާފައެވެ.
ދެން މިހާރު އެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގް ކުރަމުން އަންނަ އިރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރް ޕާސަން ފައްޔާޒް ވަނީ ތަހުގީގަށް ހާޒިރުކޮށްފައެވެ. މޫކޭ އެދުވަހު މާ މައުސޫމްކަމަށް ހެދިފައި ހުރި އިރު މީނާ އަކީ ވައްކަން ކޮށްކޮށް ފައްޔާޒަށް ބައި އެޅި އެކަކުކަން ޔަގީނެވެ. ތުހުމަތުތައް ހުރީ މިފަދައިންނެވެ.
އަދި އަދަށް ދާންދެންވެސް އެ ފައިސާ ތައް ވީތަނެއް ނޭނގެއެވެ. ރަނގަޅަށް ވިއްޔާ އެ ފައިސާއިން މޫކޭ އެކުރަނީ މަޖިލިސް އިންތިޚާބަށް ކެމްޕެއިނެވެ.