ފ.މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާކޮށްފިއެވެ.
މައުލޫމާތު ލިބުންގޮތުގައި އެ ރަށު ރައްޔިތުން މުޒާހަރާކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑުއެވެ.
މަގޫދޫ އެއާޕޯޓް ގެ މަސައްކަތް ބޮޑުބައި ނިމިފައިވަނިކޮށް މަސައްކަތް ހުއްޓާލުމަށްފަހު ރައީސް މުއިއްޒުގެ ކޮއްކޯފުޅު މަޖިލިސް އިންތިޚާބްގައި ނިލަންދޫ ދާއިރާއަށް ވާދަކުރައްވާތީ ނިލަންދޫގައި އެއާޕޯޓް އެޅުމަށް ވަނީ ނިންމާފައެވެ.
މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލާފައިވަނީ އެއްވެސް ވަރަކަށް އެރަށު ކައުންސިލާ މަޝްވަރާ ވެސް ކުރުމެއްނެތި ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް ވަނީ ބައެއް މީޑިޔާތަކަށް މައުލޫމާތު ދީފައެވެ.
އިތުރަށް އޭނާ ވިދާޅުވެފައިވަނީ މަގޫދޫ ރައްޔިތުން މުޒާހަރާކޮށްފައިވަނީ މަގޫދޫއަށް އެއާޕޯޓް މުހިންމުވުމުން ކަމަށާއި، އަދި އެއްވެފައިވާ މީހުންނަކީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ އެއްވި ބައެއްނޫން ކަމަށާއި އެ އެންމެން ވެސް އެދެނީ ރަށަށް ރަނގަޅު ގޮތްތަކެއް ވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިކަމަކީ ސިޔާސީ ބޭނުމަކަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ވަނީ މައުލޫމާތުދީފައެވެ.
އޭގެއިތުރުން އޭނާ ވިދާޅުވީ ނިލަންދޫ އިން ޑިމާންޑްކުރަނީ ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އަވަސްކުރުމަށް ކަމަށާއި ސަރުކާރުން އެ މަސައްކަތް ކުރުމަށް ހިނގާ ހިނގާ އޮތް މަޝްރޫޢު އެއް މަޑު ޖައްސާލުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.
މަގޫދޫ ރައްޔިތުން ވަނީ މުޒާހަރާކޮށް އެއާޕޯޓްގެ މަސައްކަތް ފެށުމަށް ގޮވާލާފައެވެ.