ހީނާ ނޫސްވެރިންނާ ވާހަކަދައްކަވަނީ / އަދަދު
ސިޔާސީ
ޕީއެންސީ ކެންޑިޑޭޓުންގެ އަދަދު ތަރުޖަމާނަކަށް ނޭނގުނު!
Aishath Naja
އައިޝަތު ނަޖާ
01 އޭޕްރީލު 2024
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ސީދާ އަދަދު އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދަށް ނޭނގޭކަން ހާމަވެއްޖެއެވެ.

މަޖިލިސް ކެމްޕޭނުގެ މައުލޫމާތުތައް ހާމަކުރުމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ވަނީ ސަރުކާރާއި ޕީއެންސީގެ ތާއީދު އޮތް ކެންޑިޑޭޓުން ސާފުނުވާކަމަށް ބުނެ ސުވާލުތައް އަމާޒުކޮށްފައެވެ.

ބައެއް ދާއިރާތަކުގެ ޕީއެންސީ ކެންޑިޑޭޓުން ފަހަތަށް ޖެހި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރަމުންދާ ކަމަށާއި އެހެން ދާއިރާތަކުގައި ޕީއެންސީ ކެންޑިޑޭޓުން ތިއްބާ ސަރުކާރުގެ އިސްވެރިން އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރަމުންދާ ކަން ވެސް ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ޕީއެންސީގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ސަނާހު އަށް ސަރުކާރުން ތާއިދު ކުރުމެއްނެތި އެ ދާއިރާގެ އެހެން ކެންޑިޑޭޓަކަށް ވޯޓު ހޯދަން ވަނީ މަސައްކަތްކޮށްފައެވެ.

މިފަދަ ސުވާލުތައް ހީނާއަށް އަމާޒުވުމުން، ޕީއެންސީގެ ކެންޑިޑޭޓުންނަކީ ކޮބައިކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ބައެއް ދާއިރާތަކުގައި އެ ޕާޓީގެ ކެންޑިޑޭޓުން ފަހަތަށް ޖެހި އެހެން ކެންޑިޑޭޓުންނަށް ތާއީދުކޮށްފައިވާކަން ހީނާ ވިދާޅުވިއެވެ.

ހީނާ މިހެން ވިދާޅުވި ނަމަވެސް ނޫސްވެރިން ސުވާލުކޮށްފައިވަނީ ސީދާ އަދަދު ހާމަކޮށްދިނުމަށެވެ.

ތަކުރާރުކޮށް ނޫސްވެރިން ސީދާ އަދަދު ދެންނެވުމަށް އެދުމުން ހީނާ ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމަށްފަހު ދޭނެކަމަށެވެ.

ހީނާ އަކީ ސަރުކާރު ހިންގާ ކޯލިޝަންގެ މަޖިލިސް އިންތިޚާބަށް ހަމަޖައްސާފައިވާ ތަރުޖަމާނެވެ، ނަމަވެސް މަޖިލިސް އިންތިޚާބްގައި އެ ކޯލިޝަންގެ ފަރާތުން ވާދަކުރަނީ ކިތައް ކެންޑިޑޭޓް ކަން ނޭނގުމުން ގިނަ ފަރާތްތަކުން އަންނަނީ ހީނާ އަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved