މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި އެމްޑިޕީގެ ކެންޑިޑޭޓު އާދަމް އާޒިމްއަށް ބޮޑުތަނުން ކާމިޔާބު ލިބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސް އަބްދުﷲ ޔާމީންއަށް ކެހި ދިނުމުން ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހޮނިހިރު ދުވަހު މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ވަނީ ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ ޑރ. ޖަމީލު ވިދާޅުވީ، މާލެ ސިޓީގެ މޭޔަރ އިންތިޚާބު ބޮޑު ތަފާތަކުން އިއްޔެ އެމްޑީޕީ ކާމިޔާބު ކުރީ ހަމަ އެންމެ ސަބަބަކާހުރެ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި ޑރ. ޖަމީލު ވިދާޅުވެފައިވަނީ ރައީސް ޑރ. މުއިއްޒު ރައީސް ޔާމީނަށް ކެހިދިން ދިނުން ރައްޔިތުން ބަލައި ނުުގަތުން ކަމަށެވެ. އަދި މިހާރުވެސް އެ ’ހުސްގޮނޑި‘ ރައްޔިތުންނަށް ފެންނަކަމަށާއި ވެރިކަމަށް 60 ދުވަސް ނުވަނީސް އެ ލިބުނީ ރައްޔިތުންގެ ނޯކޮންފިޑެންސް ކަމުގައި ވެސް އެ ޕޯސްޓްގައި ވިދާޅުވިއެވެ.
ޑރ. ޖަމީލުގެ ފާޑުކިޔުން އަމާޒުކުރައްވާފައިވަނީ ރިޔާސީ އިންތިހާބުގައި ނުކުމެވަޑައިގެން ރައީސް ޔާމީންގެ ނަންފުޅާ މެނިފެސްޓޯ އަދި އެމަނިކުފާނުގެ ނަންފުޅުގައި ނެރުނު ހުސްގޮނޑިޔަށްފަހު އިްނތިހާބު ކާމިޔާބުވެ ރައީސް މުއިއްޒުއަށް ބާރުތައް ލިބުމުން ރައީސް ޔާމީން އެކަހެރިކޮށްލާފައި ބަހައްޓަމުން ގެންދާތީކަމަށް ބެލެވެއެވެ.
ރައީސް މުއިއްޒުވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަންކުރައްވާނެކަމަށް ވައުދުވެފައި ނަމަވެސް ވެރިކަމަށް ދެ މަސް ފުރިގެން ދިޔައިރުވެސް އެ ވައުދު ފުއްދާފައިނުވާތީ ގިނަ ބަޔަކުވަނީ ސަރުކާރާ މެދު ނުރުހިފައިކަން ފާހަގަކޮށްލެވެއެވެ.