

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގައި ރައީސް އަބްދު ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ނިކުންނާނެ ކެންޑިޑޭޓެއް އޮތީ އަޑި އަޑިން ނިންމާފައެވެ. މިކަން ނޭނގޭ އެކަކުވެސް ލީޑަޝިޕްގައި ނުހުންނާނެއެވެ. އެނގޭ ކަމަށް ހަދާނުލައި ރައީސް ޔާމީން ނޫން މީހަކު ވާދަނުކުރައްވާނެ ކަމަށް ލީޑަޝިޕުން ގެންދިޔައީ ބުނަމުންނެވެ.
ރިޔާސީ އިންތިޚާބްގައި ރައީސް ޔާމީނަށް ވާދަނުކުރެވިއްޖާ ތިމަންނާ އޭ ރައީސް ކަމަށް ނިކުންނާނީ ކިޔައިގެން އަދުރޭ ހުރިހާ އެންމެނަށް ބިރުދެއްކިއެވެ. އޭގެ އަސަރެއް ނުކުރީ އޭރުގެ މާލޭ ސިޓީ ކައުންސިލްގެ މޭޔާރ އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒަށް އެކަންޏެވެ. މުއިއްޒު ހެއްދެވީ ބޮލުގެ އެއްޗެކެވެ. މަސްވެރިން މަސް މާރުކޭޓުގައި ކަނޑާ ފައިސާ ސީދާ އަދުރޭ ގެ ޖީބަށް ވަންނަގޮަތް ހަދާ އަދުރޭ ކައިރީ މުއިއްޒު ރިޔާސީ އިންތިޚާބްގައި ނެރެން ކިޔަން ފެށިއެވެ. މިއީ ވެސް މިއަދު ފަޅާ އަރާފައި ހުރި ކަންކަމެވެ.
މިކަން މިގޮތައް ހަދާ ދެން ފެނުނީ ޕީޕީއެމް ޕީއެންސީގެ ސެނެޓް އެއްކޮށް ގަނެލާ، ސިޓީ ކައުންސިލުން ވަޒީފާތައް ދިން މަންޒަރެވެ. އޭރު ސެނެޓްގެ ތާއިދުވެސް ކަށަވަރުވިޔެވެ.
ދެން އަޑު އިވުނު ގޮތުގައި ރައީސް އުޅުއްވީ ސިޓީ ކައުންސިލް ތެރެއިން އެމަނިކުފާނު ރިޔާސީ އިންތިޚާބަށް ނިކުމެއްޖެ ނަމަ ތާއިދު ކުރާނެ ފަރާތްތަކެއް ހަމަޖައްސައިގެންނެވެ. އެ ޓީމްގައި އަދުގެ ޔޫތް މިނިސްޓްރީގެ ދެ ނައިބުން ކަމަށްވާ ޝިއުނާ އަދި މަލްޝާ ހިމެނެއެވެ.
ނަމެއްގައި ރައީސް ޔާމީން ނޫން ގޮތެއް ނެތޭ ކިޔަމުން ކިޔަމުން ގޮސް އެންމެ ފަހުން ވެރިކަމުގެ ދަހިވެތި ކަމުގައި ފެން ބޮވައިގަނެފައި ތިބި މީހުންތަކުގެ ހަގީގީ ސިފަ ފެނުނެވެ.
ރައީސް ޔާމީން މިނިވަން ކުރައްވާނެކަމަށް ވިދާޅުވެ، ވެރިކަން ހޯދެއްވީ އެމަނިކުފާނު ދެކެ ލޯބިވާ ޕީޕީއެމްގެ ސަޕޯޓަރުންގެ ވޯޓުންނެވެ. އެވެނި މިވެނި ގޮތެއް ހައްދަވާނަމޭ، ވެރިކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެންނޭ އޭރުގައި ވިދާޅުވިއެވެ.
ވެރިކަން ލިބުނު ފަހުން ރައީސް ޔާމީން އެއީ ކާކުކަން ވެސް ހަނދާނުގައި ނެތެވެ. އެމަނިކުފާނު މިނިވަންކުރައްވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައި ވެރިޔާގެ ވެރިކަމުގައި ކުޑަމިނުން ރައީސް ޔާމިންގެ ޝަރީއަތްތައް ވެސް ކުރިޔަކަށް ނުކަނޑައެވެ.
މިއަދު އަޑުން އަޑު ނަގާފައި ރައީސް ޔާމީން އިންތިޚާބް ބޮއިކޮޓް ކުރަން ގޮވިއޭ ކިޔާފައި އަދުރޭ އަދި މިނިސްޓަރު ސައީދުމެން ވާހަކަ ދައްކަމުން ގެންދަވާއިރު އެގޮތައް އެމަނިކުފާނު ނިންމެވީ ވެސް ތިޔަ ބޭފުޅުން އެމަނިކުފާނު ނޫން އިތުރު މީހަކު ނުނެރޭނަމޭ ކިޔައިގެން އުޅުނީމާއެވެ. ދެއްކުންތެރިކަމަކީ ހާދަހާވާ ގޯސް ސިފައެކެވެ.
މިއަދު ހުރިހާ ކަމެއް ރައްޔިތުންނާ ހަމަޔަށް، ހާމަވަމުންދާތީވެ ބިރުން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ޕޯސްޓްތައް ތި ޖަހަނީ ހާދަހާ ބިރެއް ގަންނާތީ އޭ އަޅުގަނޑުގެ ހިތައް އަރައެވެ.
ހަގީގަތެއް އޮޅުވައެއް ނުލެވޭނެއެވެ. ހަގީގަތް މިއޮތީ ހާމަޔަށް! އިތުރަށް އޮޅުވާލުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟