

ޕީޕީއެމްގެ ނަމުގައި ހިންގަމުން އައި ވަޓްސްއަޕް މީޑިޔާ ގްރޫޕްގެ ނަން "ޕީއެންސީ/ޕީޕީއެމް" މީޑިޔާ ގްރޫޕަށް ބަދަލުކޮށްފިއެވެ.
ސަރުކާރު ހިންގާ މައި ކޯލިޝަންގެ މީޑިޔާ ގްރޫޕްގެ ނަމުގައި ކުރިން އަބަދުވެސް އިންނަނީ "ޕީޕީއެމް" އެވެ. ނަމަވެސް މި ފަހުން ޕީޕީއެމް ގެ ނަން ފަހަތައްލުމަށްފަހު "ޕީއެންސީ"ގެ ނަން ވަނީ ކުރިޔަށް ލައިފައެވެ.
މިކަން ކޮށްފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. މީޑިޔާ ގްރޫޕްގެ ނަން އަދި ފޮޓޯ ބަދަލުކޮށްފައިވަނީ ޕީޕީއެމްގެ ރެޖިސްޓަރާރް ހަމްދާން ނަޞީރެވެ.
މިކަންކަން މިހެން ހުރުމާ، ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ޕީޕީއެމްގެ ފަރާތުން އެއްވެސް ކެންޑިޑޭޓެއް ވާދަކުރައްވާ މަންޒަރު ނުފެނުމުން މިއަދު ޕީޕީއެމް ނިިކަމެތިވެއްޖެކަމަށާއި ޕީޕީއެމަށް އަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ހެވެއް ނޭދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވުމުން، ސަރުކާރު އެއްކޮށް ވަނީ ޑިފެންސަށް ނިކުމެފައެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގައި ތިއްބަވާ އަދުގެ ސަރުކާރުގެ ވަޒީރުންވެސް ހިމެނެއެވެ.
އެބޭފުޅެއްގެ އެކްސް ހޭންޑަލްގައި ޕޯސްޓްތައް ޖަހައި ރައީސް މުއިއްޒު ދެ ޕާޓީ ގެންގުޅުއްވަނީ ވަރަށް ހަމަހަމަ ކަމާއެކު ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޕީޕީއެމް ދޫކުރައްވާ ވަޑައިގެން ބޭފުޅުންނަށް ޕީޕީއެމްގެ ހާލަތު އޮތް ގޮތެއް ނޭނގޭނެކަމަށް އެ ބޭފުޅުން ވިދާޅުވި އިރު ޕީޕިއެމްގައި ނޫޅޭ ފަރާތްތަކަށް ވެސް ޕީޕީއެމް އޮތް ހާލަތު ވަރަށް ސާފެވެ.
ވެރިކަން ގެނައުމަށްޓަކައި އަދުގެ ރައީސް މުއިއްޒަށް ވޯޓުދެއްވީ ޕީޕިއެމްގެ ރައްޔިތުންނެވެ. ކިރިޔާ 3000 މެމްބަރުން ހަމަވެފައި އޮތް ޕީއެންސީ ބޮޑު ކުރަން އެ މަސައްކަތް ވެސް ފެއްޓެވީ ވަރަށް ހުދުމުހުތާރުކޮށް ކަމަށް ޕީޕީއެމްގެ ބައެއް އާންމު މެމްބަރުން އަންނަނީ ބުނަމުންނެވެ. އެގޮތުން ޕީޕީއެމްގައި ތިއްބަވާ އެއްވެސް ފަރާތެއް ޕީއެންސީއަށް ނުވައްދާނެ ކަމަށް ވިދާޅުވިރު އެކި އެކި ރަށްރަށުގެ ޕީޕިއެމަށް ނިސްބަތްވާ ކައުންސިލް މެމްބަރުން ވަނީ ޕީއެންސީ އަށް ވައްދާފައެވެ.
އަދި މިހާރުވެސް ޕީޕީއެމް ތަމްސީލް ކުރަމުން އަންނަ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިގާ، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ޕީޕީއެމްގެ ފަރާތުން 20 ވަނަ މަޖިލިސް އިންތިޚާބްގައި ވާދަކުރަން ނިންމެވުމުން އެ މެމްބަރުން ޕީއެންސީގެ ފަރާތުން ވާދަކުރެއްވުމަށް ވަނީ ރައީސް މުއިއްޒު މަޖުބޫރުކުރައްވާފައެވެ.
އެހެންކަމުން މިއަދު ޕީޕީއެމްގައި އެއްވެސް ދިރުމެއް އެބައޮތޭ ކިޔާފައި ސަރުކާރުން ވާހަކަތައް ދައްކަވަމުން ގެންދަވާތީ ގިނަ ފަރާތްތަކުން ފާޑުކިޔައެވެ. އެއީ އިސްވެ މިފާހަގަކުރި އެތައް ކަމެއް ރައްޔިތުންނަށް ފެންނަމުން އަންނާތީކަން ވެސް ފާހަގަކޮށްލެވެއެވެ.